ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓު ޒަމާނީކޮށް އައު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ޑޭޝް-8 މަރުކާގެ ބޯޓެއް، އެ ބޯޓު އުފެއްދި ކުންފުންޏާ ހަވާލުކޮށްފިއެވެ.
މޯލްޑިވިއަންއިން ބުނީ، 14 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގެ ހިދުމަތުގައި ބޭނުންކުރުމަށްފަހު، މި މަތިންދާ ބޯޓު މިހާރު ފްލީޓުން ނަގާފައިވާ ކަމަށެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި، ހިދުމަތުގައި ބޭނުންކުރި މުއްދަތުގައި މި މަތިންދާބޯޓު ވަނީ 29,000 އަށްވުރެ ގިނަ ފްލައިޓް ގަޑި ފުރިހަމަކޮށް، 37,000 އަށްވުރެ ގިނަ ފަހަރު ފުރައި އަދި ޖައްސާފައެވެ. އަދި މި ދަތުރުތަކުގައި ރާއްޖޭގެ އެކި ރަށްތަކަށް އެތައް ހާސް ފަސިންޖަރުންނެއް އުފުލައިދީފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ، އެ ކުންފުނީގެ ފްލީޓް ޒަމާނީކުރުމުގެ ސިޔާސަތުގެ ދަށުން، މިހާރު ބޭނުންކުރަމުންދާ ޑޭޝް-8ގެ ބޯޓުތަކުގެ ބަދަލުގައި އައު ޖީލުގެ އޭޓީއާރް މަރުކާގެ ބޯޓުތައް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއީ ދަތުރުވެރިންނަށް ފަސޭހަ، ދަތުރުފަތުރުގެ ނިޒާމަށް ހަލުއިކަން ގެނެސްދޭނެ، އިތުބާރު ހުރި އަދި ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ބޯޓުތަކެއްކަމަށް އެ ކުންފުނިން ބުނެއެވެ.
ކެނެޑާއަށް މި ބޯޓު ފުރާފައިވާއިރު، މިއީ ބޯޓު އުފެއްދިތާ 26 އަހަރު ފަހުން، އޭގެ އަސްލު އުފެއްދުންތެރިޔާ ކަމަށްވާ "ޑި ހަވިލޭންޑް ކެނެޑާ" އާ ހަވާލުކުރުމަށް ކުރާ ދަތުރެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަން އެއާލައިންގެ ފްލީޓުގައި 26 މަތިންދާބޯޓް ހިމެނޭ އިރު އޭގެ ތެރޭގައި އޭޓީއާރް ފަސް ބޯޓާއި، އޭ 330 މަތިންދާބޯޓަކާއި، އެއާބަސް އޭ 320 އާއި ޑޭޝް މަރުކާރުގެ އަށް ބޯޓާއި 11 ސީޕްލޭނެއްވެސް ހިމެނެއެވެ.