ރާއްޖޭގައި މިޔަރުގެ ދިރާސާތައްކުރާ ފުރަތަމަ ހަބު ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

މި ހަބު ހުޅުވައިދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ.
"ޝާކް ރިސާޗް އެންޑް ކޮންޒަވޭޝަން ހަބް" ގެ ނަމުގައި ހުޅުވި މި މަރުކަޒަކީ، ރާއްޖެއާއި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ މިޔަރުގެ އާބާދީ ދިރާސާކޮށް، އެ ތަކެތީގެ މައުލޫމާތު އެއްކޮށް، ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށްޓަކައި ސައިންސްވެރިންނާއި، ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކާއި، އަދި ރަށްރަށުގެ މުޖުތަމައުތަކާއެކު މަސައްކަތްކުރާ ދިވެހި ޖަމިއްޔާއެއް ކަމަށްވާ "ދަ މިޔަރު ޕްރޮގްރާމް" އިން ހުޅުވި ފެސިލިޓީއެކެވެ.
މިއީ މިޔަރުގެ ދިރާސާކުރުމާއި، ތައުލީމު އުނގަންނައިދިނުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން އައު އީޖާދުތަކަށް މަގުފަހިކޮށްދޭނެ ތަނެއް ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެއެވެ.
އެ ކައުންސިލުން ބުނީ، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ "ޝާކް ޑައިވިންގ" މަންޒިލެއްގެ ގޮތުގައި ފުވައްމުލަކުގެ ނަން ދަމަހައްޓަމުން، ކަނޑުފަޅުތައް ރައްކާތެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކަށް ކައުންސިލުން އަބަދުވެސް މަރުހަބާކިޔައި އެއްބާރުލުން ދޭނެ ކަމަށެވެ.
މިޔަރު ޕްރޮގްރާމަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ދަނީ ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުފަޅުތަކުގައިވާ މިޔަރުގެ ބާވަތްތައް ދިރާސާކޮށް، އެތަކެތި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރަމުންނެވެ.