ޓްރެފިކް މައްސަލަ ހައްލުކުރަން ސަރުކާރުން އަލަށް އުފެއްދި އޮފީހަށް އާ މުވައްޒަފުން ނަގައިގެން ހަރަދު ބޮޑުކުރުމުގެ ބަދަލުގައި، އެ ތަނުގައި މަސައްކަތް ކުރާނީ މިހާރުވެސް މިނިސްޓްރީގައި ތިބި މުވައްޒަފުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.

އެ ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ޓްރެފިކް މައްސަލަ ހައްލުކުރަން އޮފީހެއް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ މާލޭގެ ޓްރެފިކް މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުންކަމަށެވެ.

މާލޭގެ ދަތުރުފަތުރާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަލަށް އުފެއްދި "ގްރޭޓާ މާލެ ޓްރާންސްޕޯޓް މޮބިލިޓީ އޮފީސް" ހިންގާނީ އިތުރު މުވައްޒަފުން ނަގައިގެން ނޫން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ އޮފީހުގައި މަސައްކަތް ކުރާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުންނާއި، ސަރުކާރުގެ އެހެން އިދާރާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން އެކަމަށް ބޭނުންވާ ފަންނީ މުވައްޒަފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިތަނުގަ މަސައްކަތްކުރާނީ، ހަމަ އެ އޮފީހުގެ ތެރޭގަ، އެ މިނިސްޓްރީ ތެރޭގަ. އެކަމަކު ހާއްސަކޮށް މި ރީސްޓްރަކްޗާ ކޮށްލީ މިނިސްޓްރީ ތެރޭގަ. އަދި މިކަމަށް ބޭނުންވާ ސަރުކާރުގެ އެހެން ތަންތާގަ ތިބި މުވައްޒަފުން މިތަނަށް ގެނައުމަށް މި މަސައްކަތްކުރަނީ."

ރައީސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތައް ހައްލުކުރަން އުފެއްދެވި އެ އޮފީހަށް އިދާރީ ގޮތުން ކުރިމަތިވާ ހުރަސްތައް ނައްތާލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ސީދާ ނަތީޖާއަށް އަމާޒުކޮށްގެން މަސައްކަތް ކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އެ އިދާރާއަށް ދޭނެކަމަށެވެ. އެގޮތުން ގާނޫނީ ގޮތުންނާއި، ބަޖެޓުގެ ގޮތުންނާއި، ތަންފީޒީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވަނީ މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް މާލޭގެ އެތެރޭގެ މަގުތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އިތުރުން، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށްވެސް އަލި އަޅުއްވާލައްވާފައެވެ. އެގޮތުން، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގެ ދަށުން ޢިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރާއާ ހަމައަށް ކުރާ މަސައްކަތް ނިމި 500 ސައިކަލު ޕާކުކުރެވޭނެ ޖާގައާއެކު، އަންނަ ހަފުތާގައި އެ މަގު ހުޅުވާލާނެކަން ރައީސް ހާމަކުރެއްވިއެވެ.

އަދި އެ ފިޔަވަހި ނިމުމާއެކު، ދެން ފަށާނީ އެމްޕީއެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދުގެ މަސައްކަތް ކަމަށާއި މިއީ މިހާރު އެންމެ ބޮޑަށް ގާ މުގުރި ހަލާކުވެފައިވާ ސަރަހައްދު ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ޚާއްޞަ ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމުގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް ޤާއިމުކުރެވޭނެއެވެ.