މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ރާއްޖޭގެ 13 ރަށެއްގައި 2،100 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނުގައި ބުނީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2،100 ހައުސިން ޔުނިޓް ފަރުމާކޮށް، ތަރައްގީކޮށް އަދި ތަންފީޒުކުރުމުގެ މަސައްކަތް ހަވާލުކުރެވޭނީ ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ސަރުކާރުން އިއުލާންކުރި އެންމެ ބޮޑު އެއް ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ, ހއ. ހޯރަފުއްޓާއި ރ. އުނގޫފާރާއި ބ. ތުޅާދޫ އާއި ޅ. ނައިފަރާއި މ. މުލީގެ އިތުރުން ދ. މީދޫ އާއި ލ. ގަމާއި ތިނަދޫ ސިޓީ އާއި ފުވައްމުލަށް ސިޓީއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫ އާއި މަރަދޫ-ފޭދޫ އާއި މަރަދޫގައި ހައުސިން ޔުނިޓްތައް އެޅުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މައިގަނޑު ޝަރުތަކީ، މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކަކީ ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމިއްޔާތަކަށް، ކުންފުނިތަކަށް ނުވަތަ ކޮންސޯޓިއަމްތަކަށް ވުމެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމަށް މިނިސްޓްރީން ވަނީ މުއްދަތެއް ދީފައެވެ.

މިގޮތުން، އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، 4 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް[email protected]އަށް ލިޔުމުން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި މަޝްރޫއަށް ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ހިމެނޭ ގޮތަށް، ފުރިހަމަ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ކަމަށާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހެނީވެސް ހަމަ އެ އީމެއިލް އެޑްރެހަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ މައިގަނޑު މަގުޞަދަކީ ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފުޅާކުރުމާއި، ރޭވުންތެރިކަމާއެކު އާބަން ޑިވެލޮޕްމަންޓް ކުރިއެރުވުމުގެ އިތުރުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.