ސިހުރުވެރިޔާއަށް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް، ނަޞީބެއް ނުވާ ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ޙުތުބާގައި ވަނީ ސިހުރުހާހޫރައިގެ ނުބައިކަމަށް އަލި އަޅުވާލާފަ އެވެ. އެގޮތުން ޙުތުބާގައި ބުނީ، ސިހުރު ނުހެދި ނަމަވެސް އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ ބޮޑު ފާފައެއް ކަމަށެވެ.

މީގެ އިތުރުން، ސިހުރުވެރިޔާއަށް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް އެއްވެސް ކާމިޔާބެއް، ނަޞީބެއް ނުވާ ކަމަށާއި، ސިހުރުވެރިޔާއަކީ އެންމެ ބޮޑަށް ބިން ފަސާދަކުރާ މީހުންގެ ތެރެއިންވާ މީހެއް ކަމަށްވެސް ޙުތުބާގައި ވަނީ ބުނެފަ އެވެ.

ސިހުރުވެރިޔާގެ ފާފައިގެ ބޮޑުކަމާއި ފަސާދައިގެ ބޮޑުކަމުން އޭނާ ޤަތުލުކުރުމަށް ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުންގެ އަރިހުން ސާބިތުވާކަމުގައި އިބުނު ޤުދާމާ އެކަލޭގެފާނުގެ "އަލްމުޣްނީ"އޭ ކިޔުނު ފޮތުގައި ބަޔާންކުރައްވައިފައި ވެއެވެ."

ހުކުރު ޙުތުބާ

ޙުތުބާގައި އިތުރަށް ބުނެފައިވަނީ، ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިޔެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި ސުވާލުކުރުމާއި އެ މީހުންގެ ބަސް ޤަބޫލުކުރުން ވެސް ނަހީކުރައްވައިފައިވާ ކަމަށެވެ.

މުސްލިމް އަޚުންނޭވެ! ފަރުވާކުރުމުގެ ނަމުގައި ގެންނަ ސިހުރުވެރީންގެ ސަބަބުން ފަރުދުންނާއި ޢާއިލާތަކާއި މުޖުތަމަޢުގައި ބޮޑެތި ފިތުނަވެރިކަން އުފެދެނީ ކިހައިވަރަކަށް ހެއްޔެވެ؟ މި ފަދަ ކަންކަމަށް ހެއްލި ތިމާގެ އީމާންކަން ފުނޑުފުނޑުކޮށްނުލާށެވެ! މި ފަދަ ބާޠިލު ވަހުމްތަކާއި ޝައްކުތަކުން އަހަރެމެންގެ ހިތްތައް ސަލާމަތްކޮށް، ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް އެކަލާނގެ ޙަޟުރަތަށް ދުޢާ ދެންނެވުމެވެ. "

ހުކުރު ޙުތުބާ

ޙުތުބާގައި ބުނީ ސިހުރުވެރިޔާ ކޮންމެ ސިހުރެއްހެދި ނަމަވެސް މާތް ﷲ ތިބާއަށް ލިޔުއްވައިފައިވާ ކަމެއް މެނުވީ ނުޖެހޭނޭކަން ޔަޤީންކަމާ އެކު ހިތުގެ އަޑީން ޤަބޫލުކުރާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފެންނަ ހުވަފެނެއް ނުވަތަ ގައިގައި އަޅާ ވޭނެއް ނުވަތަ ކުއްޖެއްގެ ނަތީޖާ ދަށްވުމުން ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރުގެ ސަބަބުން މެދުވެރިވާ ކަމެއްކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

މުސްލިމުންގެ ޢަޤީދާއަކީ ކޮންމެ ނިޢުމަތަކާއި ކޮންމެ މުޞީބާތެއް ޖެހެނީ މާތް ﷲގެ މިންވަރުފުޅުންކަން ގަބޫލުކުރުމެވެ. ފަރުޟު ފަސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން (ޚާއްޞަކޮށް ސޫރަތުލްބަޤަރާ) ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެކެވެ."

ހުކުރު ޙުތުބާ

ފަރުވާއެއް ހޯދާ ނަމަ، ދާންވީ ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ ޞައްޙަ މަގަށް ކަމަށާއި، ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާގެ އަރިހުން ސާބިތުވެފައިވާ ދުޢާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއް ކަމަށްވެސް ޙުތުބަގައި ބުނެފައިވެ އެވެ.