މި ވަގުތަކީ 2018ގައި ހޯދި ގާނޫނު އަސާސީގެ ކުރިއަށް ވިސްނާލަންވީ ވަގުތު ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒު މިހެން ވިދާޅުވީ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިފާޒު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވީ މިހާރުގެ ގާނޫނުއަސާސީ ލިބުމުން ކަމަށާއި އެ ހާލަތު ބަދަލުވިއިރު ވެރިކަން ވެސް ބަދަލުވެ، ވެރިމީހާ ވެސް ބަދަލުކުރެވުނު ކަމަށެވެ. ގައުމުގެ އިގްތިސާދު ކުރިއެރުވުމަށާއި، ދައުލަތް ޒިންމާދާރުކުރުވުމުގެ އިތުރުން އިންސާފު ގާއިމުކުރުމަށްޓަކައި މިއީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަން ކުރަންވީ ވަގުތުކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީން ރާއްޖެއަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ގައުމަށް ބޮޑެތި ބަދަލުތައް ގެންނަ ޕާޓީއެއް ކަމަށް ޝިފާޒު ވިދާޅުވިއެވެ.އެހެންކަމުން މި ބަދަލު ވެސް ގެނެވޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއީ 2008ގައި އަޅުގަނޑުމެން ހޯދި ގާނޫނު އަސާސީގެ ކުރިއަށް ވިސްނާލަންވީ ވަގުތެކޭ. އޭރުގާ އަޅުގަނޑުމެން ހަރަކާތްތައް ފެށީ ވަރަށް ހުދުމުހުތާރު އަނިޔާވެރި ވެރިކަމެއްގެ ތެރެއިން އަޅުގަނޑުމެން މިންޖުވާން ކުރި މަސައްކަތަކުން.ރައީސް މައުމޫންގެ ވެރިކަމުގައި އޭރު ގާތްގަނޑަކަށް 30 އަހަރު ވަނީ އަސާސީ ހައްގަކީ އޮތް އެއްޗެއް ނޫން..ޖަލުގައި ކުރަމުންދިޔައީ އިންތިހާ އަނިޔާ.ދީނީ ވައުޒު ވިދާޅުވުމަކީ އޮތް ކަމެއް ނޫން.ބޭފުޅަކު އެއްޗެކޭ ވިދާޅުވީމާ ޗިލީ ސޯސް ތުނބުޅީގައި ހާކާފައި ބޭއްވި ޒަމާން.. ހަގީގަތަށް ބުނަންޏާ އަނިޔާވެރިކަމުގެ އިންތިހާއަށް ރާއްޖެ ވެއްޓިފައި އޮތް ޒަމާނެއް. ދަންނަވަން މިއުޅެނީ ރާއްޖެ ބަދަލުކުރީ ތިބޭފުޅުންނޭ."

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު

ވެރިކަމަށް އަންނަ މީހާ ވެރިކަމުގެ ހުވާކުރާ ދުވަހުން ފެށިގެން ރާއްޖެއަކީ ތަރިކަ މުދާ ކަމަށް ހިތުނިޔަތް ގަތުމުން ގާނޫނުއަސާސީން ކުރެވޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.

މިގޮތުން އެފަދަ ވެރިއަކު ބޭނުންވާ ގޮތެއް ހަދާ ކަމަށާއި، ތިން ބާރަކީ ވަކިވެފައި އޮންނަ އެއްޗަކަށް ވެގެން ނުދާ ކަމަށާއި އިހުލާސްތެރިކަން ނެތް ވެރިއަކު ވެރިކަން ކުރާނަމަ ދައުލަތް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނަށް އުއްމީދެއް ލިބި ދިރުން އަންނަ ކަމަށް ޝިފާޒް ވިދާޅުވިއެވެ. ެއަދި ރާއްޖޭގައި މިހާތަނަށް ފެނިގެންދިޔަ ހަތަރު ވެރިންގެ ތެރެއިން، އެމްޑީޕީގެ ވެރިކަމުގައި ފިޔަވައި އެހެން އެއްވެސް ވެރިކަމެއްގައި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ މިނިވަންކަމާއި ދިރުން ލިބިފައިނުވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.