އާއްމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނަށްށް ލިބޭ ބަޖެޓް ކުޑަކަމަށް ގަބޫލުކުރައްވާކަމަށް އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި، އާއްމުން ހޭލުންތެރިކުރުމުގެ މަސައްކަތަކީ އީސީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަން ޝަކީލް ވަނީ ފާހަގަކުރައްވާފައެވެ.
ޝަކީލު ވަނީ ހޭލުންތެރިކުރުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް، މިހާރު ހޭލުންތެރިކުރުމަށް ދައުލަތުން ދޭ ބަޖެޓުގެ އިތުރުން، ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވާ ޝަކީލް ވަނީ، ކުރިއަށް އޮތްތަނުގައި ވެސް އީސީގެ މަސައްކަތްތަކާއި، އިންތިހާބުތަކާއި ގުޅުން ހުރި ކަންކަމަށް އާއްމުން ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް، ހަރުދަނާކުރުމަށް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މިއަހަރު އާއްމުން ހޭލުންތެރިކުރުމަށް އީސީ އަށް ލިބިފައިވަނީ 350،000 (ތިން ލައްކަ ފަންސާސް ހާސް) ރުފިޔާ ކަމަށްވީ އިރު، ފާއިތުވި އަހަރުތަކުގައި ވެސް އެއަދަދަ ހުރީ އެ މިންވަރުގައި ހިފެހެއްޓިފައެވެ.
މީގެ އިތުރުން މި އަހަރު ލިބުނު ބަޖެޓުގެ ތެރެއިން، އާއްމުން ހޭލުންތެރިކުރުމާއި ގުޅުންހުރި ކޮންސަލްޓެންސީގެ ބައެއް މަސައްކަތްތައް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ.
ބަޖެޓް ކަނޑައަޅާއިރު އީސީ އިން އެންމެ ބޮޑު ކަންބޮޑުވުމެއް ހިއްސާކުރާ އެއްކަމަކީ ހޭލުންތެރިކުރުމަށް ކަނޑައަޅާ ބަޖެޓު ކުޑަވުމެވެ. އެ ކޮމިޝަނަށް ލިބޭ ބަޖެޓް ކުޑަވުމަކީ ހޭލުންތެރިކުރުމަށް ދެމެހެއްޓެނެވި މަސައްކަތްތަކެއް ކުރުމަށް އޮތް ގޮންޖެހުމެއްކަން ފާހަގަކޮށް ހޭލުންތެރިކުރުމަށް ކަނޑައަޅާ ބަޖެޓް އިތުރުކޮށްދިނުމަށް ކޮމިޝަނުން ކޮންމެ އަހަރަކު ވެސް ބަޖެޓާއި މެދު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަމުން ފާހަގަކުރެއެވެ.
ރަށްރަށަށް ޒިޔާރަތްކޮށްގެންނާއި، މީޑިއާގެ ވަސީލަތްތަކުގެ އިތުރުން މީސްމޑީިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އާއްމުން ހޭލުންތެރިކުރުމަށް އީސީން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އިންތިހާބުތަކަށް ސީދާގޮތުން ވާތައްޔާރީތަކުގެ އިތުރުން، އިންތިހާބީ ނިޒާމާއި އެހެނިހެން އިންތިހާބުތަކާއި ގުޅުން ހުރި މައުލޫމާތުތައް އީސީން ފޯރުކޮށްދެއެވެ.