ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒާ ވާދަކުރަން ޕީއެންސީގެ އެއްވެސް މެންބަރަކަށް ނުކެރޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ހަރުގެ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވަނީ، މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަކީ ރައްޔިތުން އަޅުވެތިކުރުމަށް ރާވައިގެން ހިންގާ ސިޔާސަތުތަކެއް ކަން ފާހަގަކުރައްވާ ސަރުކާރުގެ ވަޒީފާތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ހޯދައިދިނުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ބަދަލުގައި އެ މަގްސަދަކީ ވަޒީފާގެ މުސާރައަށް ރައްޔިތުން ބަރޯސާކޮށް، އެ މީހުން ސިޔާސީ ގޮތުން އަޅުވެތިކޮށް ބޭތިއްބުން ކަމަށް ވަނީ މާރިޔާ ތުހުމަތުކުރައްވާފަ އެވެ.

މީގެ އިތުރުން އެމްޑީޕީއަކީ ޕާޓީގެ އެތެރޭގައި ހިޔާލު ފާޅުކުރުމާއި ވާދަކުރުމުގެ ފުރިހަމަ ފުރުސަތު އޮތް ޕާޓީއެއް ކަމަށް، އެމްޑީޕީއާއި ވެރިކަން ކުރާ ޕީއެންސީގެ ޑިމޮކްރަސީގެ ސިފަތައް އަޅާކިޔުއްވަމުން މާރިޔާ ވިދާޅުވެފަައިވާ އިރު އެކަމުގެ ހެއްކަކީ މިހާރުވެސް އެމްޑީޕީގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓުން އިއުލާންކުރުމުގެ މޫސުމެއް އައިސްފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ޕާޓީގައި ވެރިކަމަށް ކުރިމަތިލާން ކެރޭ ފަދަ ގާބިލު ބޭފުޅުން ތިއްބެވިކަމަށް ގަބޫލުފުޅުކުރައްވާ ކަމަށްވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

މާރިޔާ ވިދާޅުވީ ކަން އެހެން އޮތް ނަމަވެސް، ޕީއެންސީގެ ހާލަތަކީ އޭގެ މުޅިން އިދިކޮޅު ހާލަތެއް ކަމަށާއި، އެ ޕާޓީގެ އެއްވެސް ބޭފުޅަކަށް ރައީސް މުއިއްޒާ ވާދަކުރަން ނުކުންނަން ނުކެރޭނެ ކަމަށެވެ.

ހަމަމިއާއެކު، އެމްޑީޕީގައި އޮތް މިނިވަންކަމާއި ވާދަވެރިކަމަކީ އެ ޕާޓީގެ މެމްބަރުން ނުހަނު ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވެ، މާރިޔާ ވަނީ ޕީއެންސީގެ ތެރޭގައި އެފަދަ މިނިވަންކަމެއް ނެތްކަން ފާހަގަކުރައްވައި އެ ޕާޓީއަށް ގޮންޖައްސަވާފައެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި މިނިވަން މާހައުލެއް އޮތުމުގެ ސަބަބުން، ރިޔާސީ އިންތިހާބުތަކުގައި ރައްޔިތުންނަށް އެންމެ ރަނގަޅު ހިޔާރުތަކެއް ލިބިގެންދާނެ ކަމަށެވެ.