ދިވެހީން ރާއްޖޭން ބޭރުގައި ކުރާ ހޭދައާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސާވޭއެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެމްއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސާވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމެންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް،ކުރާ ސާވޭ އެއްކަމަށެވެ.

އެގޮތުން ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އެނބުރި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ހިންގާ އެ ސާވޭ ކުރިއަށްގެންދާނީ މި މަހުގެ 25 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އެރައިވަލް ހޯލުގައި ކަމަށް އެމްއެމްއޭ އިން ހާމަކުރެއެވެ.

އެމްއެމްއޭ އިން ބުނީ އެ މުއްދަތުގެ ތެރޭގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

އަދި ދަތުރުވެރިންގެ ފަރާތުން ހޯދާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަގުސަދާއި، ދަތުރުކުރި ގައުމާއި، ޓިކެޓަށާއި ހުރުމަށް ހިނގި ހަރަދުގެ އިތުރުން މުޅި ދަތުރަށް ކުރެވުނު ޖުމްލަ ހަރަދު ހިމެނޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނަމަވެސް އެ ސާވޭގައި އެއްވެސް މީހެއްގެ ނަމާއި އެޑްރެސް ފަދަ އަމިއްލަ މައުލޫމާތެއް ނުނަގާނެ ކަމަށާއި އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރުވެރިކަން ފުރިހަމައަށް ހިފަހައްޓާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭ އިން ވަނީ އެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދިވެހީން މި ސާވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ.