އަތޮޅުތެރޭގެ 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފި އެވެ.

ސިއްހީ ވުޒާރާ އިން އާންމު ކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނީ‏ އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 17 ރަށެއްގެ ހޮސްޕިޓަލާއި ސިއްހީ މަރުކަޒަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފައިވާ ކަމަށެވެ.

ރޭ ސިއްހީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އަތޮޅު ހޮސްޕިޓަލު އަދި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެންބިއުލަންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްހީ ވަޒީރު ގީލާ އަލީ ކަމަށްވެސް ސިއްހީ ވުޒާރާ އިން ބުނެ އެވެ.

ސިއްހީ ވުޒާރާ އިން ބުނީ‏ އެއީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ތަކެއް ކަމަށެވެ.

މީގެ އިތުރުން، އެއީ އަތޮޅު ތެރޭގައި 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އަށް 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގައި ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން ގެނެވުނު 17 އެމްބިއުލާންސް ކަމަށާއި، އެ އެމްބިއުލާންސްތަކަކީ މި މަޝްރޫއުގެ ދަށުން ގެނެވޭ ފަހު ބެޗް ކަމަށް ބުނެފައި ވީ އިރު، 31 އެމްބިއުލާންސް ހޯދުމުގެ އަގަކީ 36.2 މިލިއަން ރުފިޔާ ކަމަށްވެސް ސިއްހީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ފުރަތަމަ ބެޗްގެ 14 އެމްބިއުލާންސް މިއަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު ގައި ވާނީ އަތޮޅުތެރޭގެ ރަށްތަކާ ހަވާލުކޮށްފަ އެވެ. އަދި އިއްޔެ ހަވާލުކޮށްފައިވާ 17 އެމްބިއުލާންސް އާއެކު، މި ސަރުކާރުން މިހާތަނަށް 87 އައު އެމްބިއުލާންސް ގެނެސް، އެމްބިއުލޭޓްރީ ހިދުމަތް ދިނުމަށް ފޯރުކޮށްދީ ފައިވާ ކަމަށްވެސް ސިއްހީ ވުޒާރާ އިން ބުނެ އެވެ.

އިއްޔެ އެންބިއުލަންސް ހަވާލުކުރެވުނު ރަށްތަކަށް ބަލާލާއިރު، ށ.ކޮމަންޑޫ، ށ.ފޮއްދޫ، ނ.ހެނބަދޫ، ބ.ދަރަވަންދޫ، ބ.ފުޅަދޫ، ބ.ދޮންފަނު، ޅ.އޮޅުވެލިފުށި، ވ.ފުލިދޫ، ވ.ކެޔޮދޫ، މ.ވޭވަށު، އއ.ބޮޑުފޮޅަދޫ، އއ.ހިމަންދޫ، އދ.ކުނބުރުދޫ، އދ.ދަނގެތި، ލ.ފޮނަދޫ، ގއ.ކޮނޑޭ، އަދި ގދ.ވާދޫ ހިމެނެ އެވެ.

ސިއްހީ ވުޒާރާއިން އިތުރަށް ބުނީ މިއަހަރުގެ ތެރޭގައި ގްރޭޓާ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ހިދުމަތްވެސް ފެށިގެންދާނެ ކަމަށެވެ.

ހަމަމިއާއެކު، އެމްބިއުލާންސްގެ ހިދުމަތް މެދުކެނޑިފައިވާ އިތުރު 4 ރަށަކަށް ބޭނުންވާ އެމްބިއުލާންސްވެސް މިއަހަރުގެ ތެރޭގައި ގެނެސް، ރަށްތަކާ ހަވާލުކުރާނެ ކަމަށް ސިއްހީ ވުޒާރާއިން ބުނެ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ.