މާލެ ސިޓީގެ ލޭންޑްސްކޭޕް ހަދައި ފަރުމާކުރެވިގެންދާއިރު، މާލޭގެ ހުރިހައި ދާއިރާއެއްގައި ވެސް ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް ހުންނަންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މަގުން ކަންކަން ހިނގަމުންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މޭޔަރު އާޒިމް މިފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާއަށް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އިރާޝާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގަލޮޅުގައި ކުޅިވަރު ކުޅޭނެ ހުސްބިމެއް ނެތްކަން ފާހަގަކުރައްވައި، އެފަދަ ބިމެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ގަލޮޅު އުތުރު ދާއިރާގައި އެކަނި ވެސް 4,041 މީހުން ދިރިއުޅޭއިރު، އޭގެ ތެރޭގައި 1,325 ޒުވާނުން ހިމެނޭ ކަމަށް އިރާޝާ ވިދާޅުވި އެވެ. އަދި ގަލޮޅު ދެކުނު ދާއިރާގައި ވެސް މި ފަދަ ބޮޑު އާބާދީއެއް އޮތްއިރު، ދެ ޖިންސުގެ މީހުންނަށް ކުޅިވަރު ކުޅޭނެ އެއްވެސް ތަނެއް، އެ އަވަށުގައި ނެތް ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ގަލޮޅުގައި އެމްޓީސީސީގެ ބިމެއް ހުސްކޮށް އޮންނަތާ އެތައް އަހަރެއް ވެފައިވާކަން ފާހަގަކުރައްވަމުން، އެ ބިމާ ގުޅޭ ކަންކަން އޮތް ގޮތް، މޭޔަރު ބައްލަވައިދެއްވުމަށް އިރާޝާ އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ، ޓީވީ މޯލްޑިވްގެ ފުރަހުގައި އޮންނަ މި ބިމުގައި އަބަދު ވެސް ހުންނަނީ ސަތަރި އަޅައިފައި ހުންނަ މުދާތަކެއް ކަމަށާއި، މާލޭގެ އެކި ސަރަހައްދުތަކުގައި މި ފަދަ ބިންތައް، 40 ނުވަތަ 50 އަހަރު ވަންދެން ބޭނުންނުކޮށް އެބަހުރި ކަމަށެވެ.

ކައުންސިލަރުގެ މި ހުށަހެޅުމާ ގުޅިގެން މޭޔަރު އާޒިމް ވިދާޅުވީ، މާލޭގެ ކޮންމެ ދާއިރާއެއްގައި ވެސް، ރައްޔިތުންނަށް ހިތްފަސޭހަ ކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ހުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މާލޭގެ ތަރައްގީގެ މަޝްރޫއުތައް ބައްޓަންކުރާއިރު، މި ކަންކަމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން އާޒިމް ވަނީ ދެއްވާފަ އެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިކަމުގައި ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ލިބެމުން ދަނީ ވަރަށް ވެސް ކުޑަކޮށް ކަމަށެެވެ.