އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމަށް ޚާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި، ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.

މިއަދު ހަވާލުކުރެވުނު މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓު ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 3ގަ އެވެ. ޖުމްލަ 30 މަސްދުވަހުގެ މި މަޝްރޫއުގައި ކޮންމެ ޑިވެލޮޕަރަކަށްވެސް ހަވާލުކޮށްފައިވަނީ 1 ޕްލޮޓް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނެ އެވެ.

މި މަޝްރޫއުގައި ސޮއިކުރެވުނު ފަރާތްތަކަކީ:

1. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

2. ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

4. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

5. ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2 ކޮޓަރީގެ ފުލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށާއި، 3 ކޮޓަރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެ އެވެ.

މި މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު 2 ކަމަކަށް އިސްކަން ދީފައިވެ އެވެ. އެއީ ފުލެޓުތަކުގެ އަގު ކުޑަކުރުމަށާއި، މިހާތަނަށް ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ގަތުމުގެ ފުރުސަތު ދިނުމަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބިނާވެފައިވަނީ ކޮންމެ ދިވެހި އާއިލާއަކަށް ވެސް، އެ އާއިލާއެއްގެ މާލީ ގާބިލުކަން ހުރި މިންވަރަކުން އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެެވެ. އަދި ހުޅުމާލޭގައި ހިންގާ މި ހައުސިންގ މަޝްރޫޢަކީ އެ ސިޔާސަތުގެ ދަށުން، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް އެ އާއިލާތަކުގެ ފުރަތަމަ އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޅިގެނދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރެ އެވެ.