"އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

އައްޑޫ ހަންކެޑެ ތަރައްޤީ ކުރުމަށް ކުންފުންޏެއް އެމަނިކުފާނު އުފައްދަވާފައިވަނީ، ކުންފުނީގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ، އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގްސަދަކީ، އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްގީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އައްޑު އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީ ވެސް މި ކުންފުނި އުފެއްދެވުމުގެ މަގްސަދެއް ކަމުގައި ރައީސް އޮފީހުން ވަނީ ބުނެފައެވެ.