ސިފައިންގެ އަސާސީ ތަމްރީނު ކޯސް ނިންމައި 255 ދަރިވަރުން ހުވާ ކޮށްފިއެވެ.
ދަރިވަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނާ ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ހަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީން ކޯސް ނިންމައި 255 ދަރިވަރުން ހުވާ ކޮށްފައިވާ އިރު، އެއީ 72ވަނަ ކޯހުގެ 138 ދަރިވަރުންނާއި 73ވަނަ ކޯހުގެ 117 ދަރިވަރުންނެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 72 ވަނަ އަސާސީ ތަމްރީން ކޯސް ކުރިއަށްގެންގޮސްފައި ވަނީ 7 މާޗު 2026 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ.
73 ވަނަ އަސާސީ ތަމްރީން ކޯސްވެސް 7 މާޗު 2026 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންގޮސްފައި ވާއިރު، މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ގިރިފުށި ޓްރެއިނިން ސެންޓަރުގައެވެ.
މި ދެ ބެޗުގެ ދަރިވަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސައިން މަޒީދެވެ.