ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށް، ވައްކަން ކުރަން އުޅުނުކަމުގެ ތުހުަމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވެލަބުލިގެ / ގދ.ނަޑެއްލާ، ޠާހިރު މުޙައްމަދު (50އ) އެވެ.
ފުލުހުން ބުނީ، މި މަހުގެ 14 ވަނަ ދުވަހުގެ 12:32 އެހާކަން ހާއިރު، ހުޅުމާލެ ފޭސް 2 ގެ ހުސްބިމެއްގައި ހުރި ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކޮށްފައި ވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާ އެކުގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކުރި އިރު، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.