ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށްވުރެ އިތުރުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 686.8 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. އެއީ މިދިޔަ މެއި މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރުގެ ދަށްވުމެެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145.6 މިލިޔަން ޑޮލަރު ނުވަތަ 17.5 އިންސައްތަ ދަށް އަދަދެކެވެ.
ރިޒާވްގެ ޖުމްލަ އަދަދު ދަށްވި ކަމުގައި ވިޔަސް، މިއަހަރުގެ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް، ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިޔަން ޑޮލަރުގައެވެ. އެއީ މިދިޔަ މެއި މަހާއި އަޅާބަލާއިރު 11.9 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު މިއަދަދު ހުރީ 203 މިލިޔަން ޑޮލަރުގައި ކަމަށް ވާއިރު، އެއީ ގާތްގަނޑަކަށް 23 އިންސައްތައިގެ ކުރިއެރުމެކެވެ.
މިއަހަރު މެއި މަހާއި އަޅާ ބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުން ކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފަ އެވެ. އޭގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 އިންސައްތަ އިތުރުވުން ހިމެނެއެވެ.
މިއަހަރުގެ މާޗު މަހު ރިޒާވް 1,331.8 މިލިޔަން ޑޮލަރުގައި ހުރުމަށްފަހު، މިހާތަނަށް ވަނީ 645.0 މިލިޔަން ޑޮލަރުގެ ދަށްވުމެއް އައިސްފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މިންވަރެއް މަދުވެފައިވަނީ އޭޕްރީލް މަހުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކޮށްފައިވާ އިރު، އެއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނާނެ ކުރިއެރުމެއް ކަމަށް އެބޭންކުން ވަނީ މީގެކުރިން ފާހަގަކޮށްފައެވެ.
ސަރުކާރުން އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއެކު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ވޯލްޑް ބޭންކުގެ "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް 2026"ރިޕޯޓްގައި ވަނީ ބުނެފައެވެ.
ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމާއި، ހަރަދު ކުޑަކޮށްފައިވުމުގެ ސަބަބުން، 2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ފަރަގު 5.1 ބިލިޔަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ 4.3 އިންސައްތައެވެ.