އީރާނުގެ އަސްކަރިއްޔާއިން ޖޯޑަންގައި ހުންނަ އެމެރިކާގެ "އަލް-އަޒްރަގް" ވައިގެ ބޭހަށް ޑްރޯން ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތައް އަމާޒުކޮށްފައި ވަނީ އެ ބޭހުގައި ހުރި ރޭޑާ ސިސްޓަމްތަކަށާއި، މުއާސަލާތީ ނިޒާމުތަކަށާއި، ތެޔޮ ރައްކާކުރާ ޓޭންކްތަކަށެވެ.
އީރާނުން ބުނި ގޮތުގައި، "އޮޕަރޭޝަން ތަންޑަބޯލްޓް" ގެ ނަމުގައި ހިންގި މި ހަމަލާތަކަކީ މި ހަފުތާގެ ކުރީކޮޅު އީރާނުގެ ބަމްޕޫރު އަދި އިރާންޝަހަރު ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒަކަށް އެމެރިކާއިން ދިން ކަމަށް ބުނާ "ލާއިންސާނީ" ހަމަލާގެ ރައްދުގައި ދިން ހަމަލާތަކެކެވެ. އެ ހަމަލާގައި އީރާނުގެ 7 ސިފައިން ވަނީ ޝަހީދުވެފައެވެ.
އީރާނުގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، ޖޯޑަންގައި ހުންނަ އަލް-އަޒްރަގް ބޭހަކީ އެމެރިކާއިން ހުޅަނގު އޭޝިއާގައި ހިންގާ ހަރަކާތްތަކުގެ މައި މަރުކަޒެއް ކަމަށެވެ. އެތަނަކީ މިސައިލްތަކުން ދިފާއުވުމަށް ރާޑަރުފަދަ ނިޒާމުތައް ގާއިމުކޮށްފައިވާ މުހިންމު ތަނެއް ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެއެވެ. މީގެ އިތުރުން އީރާނުގެ ޝަހީދުންގެ ލޭގެ ބަދަލު ހިފުމުގައާއި ގައުމީ ސަލާމަތް ދެމެހެއްޓުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ކުރިއަށް ދާނެ ކަމަށް އެ ބަޔާނުގައި އިރާނުގެ އަސްކަރިއްޔާ އިން ބުނެފައި ވެއެވެ.
މެދުއިރުމަތީގައި އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން މިދިޔަ ދުވަސްތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް، ސަރަހައްދީ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުގެ ވާގިވެރިކަން އޮންނަ ފަރާތްތަކުން ދޭ ހަމަލާތައް އިތުރުވަމުން ދިއުމަކީ އެމެރިކާއަށް ބޮޑު ގޮންޖެހުމެކެވެ.
ޖޯޑަންގައި ހުންނަ އެމެރިކާގެ އަލް-އަޒްރަގް އަސްކަރީ މަރުކަޒަކީ އެމެރިކާގެ އެއާ ފޯސްއިން ވަރަށް ބޮޑަށް ބޭނުންކުރާ، އަދި ސަރަހައްދީ ހަމަނުޖެހުންތަކުގައި މުހިންމު ދައުރެއް އަދާކުރާ ބޭހެކެވެ. އީރާނުން އަބަދުވެސް ބުނަމުން ދަނީ އެމެރިކާގެ އަސްކަރިއްޔާގެ ލާއިންސާނީ އަމަލުތަކަކީ އެ ސަރަހައްދުގެ ހަމަނުޖެހުންތަކުގެ އަސްލު ކަމަށާއި، އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެ ގައުމުގެ ހައްގެއް ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މިއީ ސަރަހައްދީ މަސްރަހު އިތުރަށް ހޫނުވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.