ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މަޢުލޫމާތު ރައްކާތެރިކުރުމަށް އެކުލަވައިލި އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް "އިތާ" ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ އެ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިއްހަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީތެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ގީލާ އަލީ އެވެ. އެ ޕޯޓަލް ތައާރަފުކުރީ ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކުއެވެ.

އެ ވުޒާރާއިން ބުނީ މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ އިޖުތިމާޢީ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ވުޒާރާއިން ބަލަމުންދާ އެކި ބާވަތުގެ މައްސަލަތަކުގެ ލިޔެކިޔުންތައް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުން ކަމަށެވެ.

އޭގެ ތެރޭގައި މައްސަލަ ބަލައިގަތުމުން ފެށިގެން، މައްސަލަ ނިމުމާ ހަމައަށް ކުރަންޖެހޭ އެންމެހައި ކަންކަން ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ައެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، "އިތާ" ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލްކޮށް، ފަސޭހަކަމާއެކު އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިގޮތުން، "އިތާ" ޕޯޓަލްއާއެކު އަންނާނެ ކަމަށް ބެލެވޭ އެންމެ ބޮޑު ބަދަލަކީ މަސައްކަތުގެ ދުވެލި ހަލުވިވުން ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އެ ވުޒާރާއިން ބުނީ މިއާއެކު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު)ގެ ތެރެއިން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މައްސަލަތަކުގެ ތާރީޚު ބެލުމަށް މުވައްޒަފުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އެކި މުއައްސަސާތަކުގެ މެދުގައި މައްސަލަތައް ރިފަރކުރުމާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ވިލަރެސްކުރުން މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ހަމައެއާއެކު، މައްސަލަ ބެލުމުގައި ކަރުދާސް ފައިލް ބޭނުންކުރުން ހުއްޓުމަކަށް އައިސް، ރައްޔިތުންގެ ހައްސާސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ. މިކަމުގެ ސަބަބުން ވުޒާރާގެ ޚިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ، ކޯލް ސެންޓަރު މެދުވެރިކޮށް މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު އަވަހަށް ފޯރުކޮށްދެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. ނަތީޖާއެއްގެ ގޮތުން ވުޒާރާއަށް ގުޅައިގެން މަޢުލޫމާތު ސާފުނުވެގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

އިތާ ޕޯޓަލްގެ ސަބަބުން ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ހާލަތު ރަގަޅުކުރުމަށްޓަކައި އެ ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމާއި، އިޖުތިމާޢީ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ އެހެން އިދާރާތަކާ ގުޅިގެން ކުރިއަށްގެންދެވޭ އިބަމަ ޕްރޮގްރާމުގެ މަސައްކަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

އެގޮތުން އެކި ޓީމުތަކުން އެއް ގެއަކަށް ޒިޔާރަތްކޮށް ތަކުރާރުކޮށް މަޢުލޫމާތު ސާފުކުރުން ހުއްޓުމަކަށް އައިސް، ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަވެ، ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެއެވެ.

އެ ވުޒާރާއިން ބުނީ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމަށް ގެނެވޭ ކޮންމެ ހެޔޮ ބަދަލަކީ، ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ލިބޭ ހިތްހަމަޖެހުމެއްގެ އިތުރުން، މަސައްކަތުގެ ދުވެލި ހަލުވިކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.