އާސަންދަ ކައުންޓަރުތައް އިތުރު 8 އަތޮޅެއްގައި ހުޅުވައިފިއެވެ.

މިއާއެކު އާސަންދަ ކައުންޓަރުތަކުގެ ޚިދުމަތް މިހާރު 11 އަތޮޅަކުން ލިބޭނެ އެވެ.

އާސަންދަ ކުންފުނިން ބުނީ ، އަލަށް ހުޅުވުނު އައު ކައުންޓަރުތަކާއެކު އަތޮޅުތަކުގެ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް ޚިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

އާސަންދައިގެ ކައުންޓަރުތައް އަލަށް ހުޅުވި 8 ރަށް:

- ރ.އުނގޫފާރު

- ބ.އޭދަފުށި

- ޅ.ނައިފަރު

- އދ.މަހިބަދޫ

- ލ.ގަން

- ގދ.ތިނަދޫ

- ޏ.ފުވައްމުލައް

- ދ.ކުޑަހުވަދޫ

މިގޮތުން އަލަށް ހުޅުވުނު ކައުންޓަރުތަކުން ބޭސްފަރުވާއަށް އެހީއަށް އެދެވޭނެއެވެ.

އަދި އެ ކުންފުންޏާއި ގުޅުންހުރި އިދާރީ ކަންކަން ރަށުން ބޭރަށް ނުގޮސް ހޯދުމާއި، އާސަންދައިގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް އެ ކައުންޓަރުތައް މެދުވެރިކޮށް ލިބޭނެއެވެ.

މީގެކުރިން އާސަންދައިގެ "ވިރަ" ކައުންޓަރުގެ ޚިދުމަތް ފޯރުކޮށްދެމުން އައީ މާލެ، ހުޅުމާލެ، ފ. ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

އާސަންދަ ކުންފުނިން ވަނީ އާސަންދައިގެ ޚިދުމަތަށް އެދުމަށް ފަސޭހަ ކުރުމަށް ޚާއްސަ އެޕްލިކޭޝަނެއްވެސް ޤާއިމުކޮށްފައެވެ. އެގޮތުން 'މައި އާސަންދަ ޕޯޓަލް' މެދުވެރިކޮށް އާސަންދައިން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ.