ބާޒާރުގައި ތަކެތީގެ އަގުތައް ހުރިނެތްގޮތް ފަސޭހައިން ބަލާލުމަށްޓަކައި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން "އަގުމަގު" އެޕްލިކޭޝަން ރަސްމީކޮށް ތަޢާރަފްކޮށްފިއެވެ.

އެ އެޕު ލޯންޗުކުރީ 2025 ފެބްރުއަރީ 28 ގައެވެ.

އެ ޕޯޓަލް އިން މީގެކުރިން ފެންނަނީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ނަމަވެސް، އަލަށް ނެރުނު އެޕާއެކު އަތޮޅުތެރޭގެ ރަށްރަށުގެ އަގުތައްވެސް މިހާރު ފެންނަން ހުންނާނެއެވެ.

ެެއެގޮތުން އެ އެޕް މެދުވެރިކޮށް އާންމުކޮށް ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތަކާއި، ރާއްޖޭގެ އެކި ފިހާރަތަކުގެ އަގުތަކާއި އެ މުދަލެއް ލިބެން ހުރި އެންމެ ހެޔޮ އަގު، އެވްރެޖް އަގު އަދި އެންމެ ބޮޑު އަގު ބަލާލެވޭނެއެވެ.

އެ ވުޒާރާއިން ބުނީ މި އެޕްލިކޭޝަންގެ ސަބަބުން ދަތުރުކުރުމުގެ ކުރިން ތަކެތި އަގުހެޔޮކޮށް ހުރީ ކޮން ރަށެއްގައިކަން ދެނެގަނެވޭނެ ކަމަށެވެ.

އަދި އާންމުކޮށް ގަންނަ ތަކެތީގެ ޝޮޕިންގ ލިސްޓު ސޭވްކޮށްލުމުން، މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި ވަކިވަކި ތަކެތި އެންމެ ހެޔޮކޮށް ލިބޭނެ ފިހާރަތައް ވެސް ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ހަމައެއާއެކު ފާއިތުވި 10 ދުވަހު އަގުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތާރީޚު ބަލާލާ އަގުތައް އަޅާކިޔާލެވޭނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

މިގޮތުން އަގުތަކަށް ބަދަލެއް އަންނަނަމަ ވަގުތުން އެކަމުގެ ނޮޓިފިކޭޝަން ލިބޭނެ އިންތިޒާމް ވެސް އެ އެޕުގައި ވަނީ ހަމަޖައްސާފައެވެ.