ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު ރިޕޯޓް ފޮތް ދީ ދަރިވަރުންނަށް ޗުއްޓީ ފަށައިފިއެވެ.

މިއަދު ރިޕޯޓުފޮތްދީ ޗުއްޓީ ފަށާފައި ވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2ގައެވެ.

މީގެ އިތުރުން، މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ވަނަ ދުވަހު ނިމި، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 18އިން އަންނަ އަހަރުގެ ޖަނަވަރީ 16އާ ހަމައަށެވެ.

އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ގަ އެވެ.

ރާއްޖޭގެ ސަރުކާރުގެ 217 ސްކޫލުގައި 81،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު އެ ދަރިވަރުންނަށް ކިޔަވައިދިނުމަށް 9،950 ޓީޗަރުން މަސައްކަތްކުރެއެވެ.

އަދި ޕްރައިވެޓް ސްކޫލުތަކުގައި އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާއިރު، އޭގެ ތެރެއިން 9،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަނީ މާލޭ ސަރަހައްދުގައެވެ.

އަދި މި އަހަރު ގްރޭޑް 1އަށް ވަނުމަށް އަލަށް 4790 ދަރިވަރުންނަށް އެކި ސްކޫލްތަކުން ޖާގަ ދީފައި ވާއިރު، އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 އަށް 1748 ދަރިވަރުން ވައްދާފައިވެއެވެ.

އަދި އަތޮޅުތެރޭގެ ސްކޫލްތަކުންވެސް ގްރޭޑް 1 އަށް 3042 ދަރިވަރަކަށް ވަނީ ޖާގަ ދީފައެވެ.