ޓެކްސީ ލައިން ޚިދުމަތުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ ޓްރެފިކް އަދި ޕާކިން މައްސަލަކަމަށް ޑިޕާޓްމަންޓް މެނޭޖަރ އޮފް މާލެ ޓެކްސީ ލައިން އަބްދުﷲ އިޔާދު އާދަމް ވިދާޅުވެއްޖެއެވެ.

އިޔާދު މިހެން ވިދާޅުވީ "ޓްރޭޑް ޑެސްކް ވިތް އަނާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޔާދު ވިދާޅުވީ އާންމުކޮށް މާލޭގައި ދަތުރުކުރާއިރު ދެ ފަރާތުގައި ޕާކުކޮށްފައި ވެހިކަލްތައް ހުންނަ ކަމަށާއި އެ ވެހިކަލްތަކުގެ ސަބަބުން ޓެކްސީލައިންގެ ވެހިކަލްތަކަށް ބައެއް މަގުތަކަށް ނުވަދެވޭ ކަމަށެވެ.

"އާދެ އަޅުގަނޑުމެންނަށް ދިމާވާ މައިގަނޑު ގޮންޖެހުމަކަށް މި އޮންނަނީ ޓްރެފިކް އިޝޫއަދި ޕާކިން އިޝޫސް.އާންމުކޮށް މާލޭގަ ދަތުރުކުރާއިރު ވަރަށް ގިނައިން ފެނިލައްވާނެ މަގުގެ ދެފަރާތުގަ ޕާކުކޮށްފަ ހުންނަތައް.މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ވެހިކަލްތަކަށް މަގުތަކަށް ނުވަދެވި ޑްރައިވަރު ފައިބައިގެންގޮސް ސައިކަލު އެއްފަރާތަކަށް ޖައްސާ މިކަހަލަ ކަންތައް ވަރަށް ގިނައިން އެބަ ދިމާވޭ."

ޑިޕާޓްމަންޓް މެނޭޖަރ އަބްދުﷲ އިޔާދު

އިޔާދު ވިދާޅުވީ އެކަމުގެ ސަބަބުން ޓެކްސީ ލައިންގެ ޑްރައިވަރު ފައިބައިގެންގޮސް ސައިކަލު އެއްފަރާތަކަށް ޖެއްސުންފަދަ ކަންތައްތަކާ ވަރަށް ބޮޑަށް ކުރިމަތިލާންޖެހޭ ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ޓެކްސީލައިންގެ ކަސްޓަމަރުގެ ދަތުރު ވަރަށްބޮޑަށް ޑިލޭވެގެންދާ ކަމަށް އިޔާދު ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ޕާކުކުރަން ޚާއްސަ ސަރަހައްދުތަކުގައި ޕާކު ކުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި އެ ޚިދުމަތްބޭނުން ނުކުރާ ބޭފުޅުންނަށްވެސް ދޭން އޮތް މެސެޖަކީ މާލެ ޓްކްސީ ލައިންގެ އެޕްލިކޭޝަން ފޯނަށް ޑައުންލޯޑުކޮށް އެ ޚިދުމަތް ތަޖުރިބާކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ތަފާތު ރީތި ތަޖުރިބާއަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ އެ ޚިދުމަތް ފޯރުކޮށްދެވެނީ ގިނަ ފަރާތްތަކެއްގެ އެހީގައި ކަމަށާއި

އެ ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރާ ކަމަށް އިޔާދު ވިދާޅުވިއެވެ.

މިގޮތުން ދިވެހިފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޯޓް އެންޑް ޓްރޭޑްއިން ފޯރުކޮށްދެމުންދާ އެހީ ފާހަގަކުރައްވާ އިޔާދު ވަނީ ޚާއްސަގޮތެއްގައި ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން އެ ހިދުމަތާގުޅޭގޮތުން މައުލޫމާތު ސާފުކުރަން ނުވަތަ ޝަކުވާ ހުށަހެޅުމުގެ ކަންތައް 1655އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އިޔާދު ވިދާޅުވިއެވެ.

އަދި އެ ޑްރައިވަރަކާ ގުޅޭގޮތުންވެސް ޝަކުވާ ހުށަހެޅޭނެ ފީޗާ ޓެކްސީ ލައިންގެ އެޕްލިކޭޝަނުގައި ހަމަޖައްސާފައިވާނެ ކަމަށް އިޔާދު ވިދާޅުވިއެވެ.