ރާއްޖެ އިން އެންމެ ގިނައިން މަސް ބޭރު ކުރާ ތައިލޭންޑުގައި ކުރިއައްދާ ހަލާލު ކާބޯތަކެތީގެ މަޢުރަޒެއްގައި މިފްކޯގެ އުފެއްދުންތައް ދައްކާލައިފިއެވެ.

"ގްރޭންޑް ހަލާލް ބެންކޮކް" ގެ ނަމުގައި ކުރިއަށް ގެންދާ އެ މަޢުރަޒުގައި މިފްކޯގެ ފަރާތުން ބައިވެރިވެފައިވަނީ ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަމާއެކުއެވެ.

ތައިލޭންޑުގައި ކުރިއަށް ގެންދާ ގްރޭންޑް ހަލާލް މަޢުރަޒު ކުރިއަށްދާނީ ތައިލޭންޑުގެ ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ.

މިފްކޯ އިން ބުނީ މި މަޢުރަޒު މި މަހުގެ 15 އިން 17 އަށް ކުރިއަށްދާނެ ކަމަށެވެ.

މިއީ ދުނިޔޭގެ ފެންވަރުގައިވެސް ބާއްވާ އެންމެ ބޮޑު އެއް ހަލާލް ކާބޯތަކެތީގެ މަޢުރަޒެވެ.

މިފްކޯ އިން ބުނީ އެ މައުރަޒަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަމުން އަންނަ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި ދިވެހި ރަހަތައް ދައްކާލުމަށް ލިބިގެންދިޔަ މުހިންމު މަންސައެއް ކަމަށެވެ.

ހަމައެހެންކެ އެ މަޢުރަޒުގެ ސަބަބުން އައު ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަދި ބައިނަލްއަޤްވާމީ ޕާޓްނަރުންނާއި ގުޅުން ބަދަހިވެ، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ ބާޒާރުގައި ވިއްކުމަށް ރާއްޖެއިން ވެފައިވާ އަހުދު ހިއްސާ ކޮށްދޭ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެ މައުރަޒަކީ ދުނިޔޭގެ 70އަށް ވުރެ ގިނަ ޤައުމުން މަންދޫބުން ބައިވެރިވާ މަޢުރަޒަކަށްވާއިރު، އެ މަޢުރަޒަށް 12،000 އާއި 15،000 ދެމެދު އަދަދަކަށް މީހުން ޒިޔާރާތް ކުރާނެ ކަމަށް ބެލެވެއެވެ.

މިފްކޯއިން މި ވަގުތު ތައިލޭންޑުގެ ބާޒާރަށް ގިނައިން ރޯމަހުގެ އުފެއްދުންތައް ބޭރުކުރަމުން ދިޔަ ނަމަވެސް މިފްކޯގެ އަގު އެއްކުރި އުފެއްދުންތައް މި މަޢުރަޒުގެ ތެރެއިން އެކުންފުނިން ދަނީ ތައިލޭންޑުގެ ބާޒާރަށް ޕްރޮމޯޓް ކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް މިހާރު ހުރި މާކެޓުތައް އިތުރަށް ފުޅާކޮށް އިތުރު މާކެޓުތަކަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ފޯރުކޮށްދިނުމެވެ.