ފަހަތުން އަރައި 2-1 އިން އިންގްލެންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ ނުކުންނާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ. ސްޕެއިން ފައިނަލަށް ދަތުރުކުރީ 2-0 އިން ފްރާންސްގެ މައްޗަށް ކުރިހޯދައިގެންނެވެ.
އެޓްލާންޓާ ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގެ ތިން ލަނޑު ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
މެޗުގެ 55 ވަނަ މިނެޓުގައި އިންގްލެންޑްގެ ލަނޑު ޖަހައިދިނީ އެންތަނީ ގޯޑަން އެވެ. މިއީ މޯގަން ރޮޖާސް އޭރިއާ ތެރެއަށް ނަގައިދިން ހިތްގައިމު ހުރަހަކުން ގޯޑަން ކާމިޔާބުކުރި ލަނޑެކެވެ.
އިންގްލެންޑުން ލީޑު ނެގުމާއެކު އާޖެންޓީނާއިން އެ ޓީމުގެ ކޮންޓްރޯލުގެ ދަށަށް މެޗު ގެނެސް ގާތްގާތުގައި ފޮނުވާލި ރަނގަޅު ހަމަލާތަކެއް އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފަ އެވެ.
ނަމަވެސް، ފުލުފުލުގައި އެޓޭކްކުރަމުން ދިޔަ އާޖެންޓީނާއިން ވަނީ، އެންޒޯ ފެނާންޑޭޒް ޖަހައިދިން ލަނޑުން މެޗުގެ 85 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ކެޕްޓަން ލިއޮނަލް މެސީ ދިން ޕާހެއް ޕެނަލްޓީ އޭރިއާ ބޭރުން ކޮންޓްރޯލް ކޮށްލުމަށް ފަހު އެންޒޯ ފޮނުވާލި ބާރު ހަމަލާ ކީޕަރު ޕިކްފޯޑަށް ހުއްޓުވޭ ގޮތެއް ނުވި އެވެ.
އިންގްލެންޑުން ފަހަތަށް ޖެހިގެން ކުޅުމުގެ ފައިދާ ނަގައި، ކުރިއަށް ގިނަ ބޯޅަތަކެއް ކުޅެމުން ދިޔަ އާޖެންޓީނާއިން ދެވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މެސީ ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އެ ޓީމު މޮޅުކޮށްދިނީ، 90 މިނެޓު ހަމަވާން ދަނިކޮށް ބަދަލަކަށް ކުޅެން ނުކުތް ލައުޓާރޯ މާޓިނޭޒް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ، ފަހު ވަގުތު އާޖެންޓީނާ ކޮޅަށް ނަތީޖާ އަބުރާލުމުގައި މުހިއްމު ދައުރެއް އަދާކުރި ލިއޮނަލް މެސީ އެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި މެސީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ފަސް ވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ.
އާޖެންޓީނާ އާއި ސްޕެއިން ވާދަކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އަދި 19 ވަނަ ދުވަހު އޮންނަ މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ސެމީން ބަލިވި އިންގްލެންޑާއި ފްރާންސެވެ.