އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ "ޔޫތު އެންޓަޕްރަނާޝިޕް ފައިނޭންސިން" ފެސިލިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިފްތިތާހް ކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، ބާސެލޯ ނަސަންދުރާގައި އޮތް "ޔޫތު އެންޓަޕްރަނާޝިޕް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު އިފްތިތާހްކޮށްދެއްވި "ޔޫތު އެންޓަޕްރަނާޝިޕް ފައިނޭންސިން" ފެސިލިޓީ އަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި އައު އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތައާރަފުކުރެއްވި ފައިނޭންސިން ފެސިލިޓީއެކެވެ.
އެ ފެސިލިޓީއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް ނުވަތަ އިކުއިޓީއަކާ ނުލާ ނެގޭ ގޮތަށް ހުޅުވާލެއްވި ފުރުސަތެއް ކަމަށްވެސް ބުނެފައިވާ އިރު، ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ އެ ފެސިލިޓީއަކީ ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ހުޅުވާލެވުނު ފަހި ފުރުސަތެއް ކަމަށްވެސް ބުނެފައިވެ އެވެ.
ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމާއެކު އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ގެންދަނީ ހާއްސަ އިސްކަމެއް ދެއްވައިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ (ޖީ.ޑީ.ޕީގެ) 15 އިންސައްތަ އަކީ "ޑިޖިޓަލް އިކޮނޮމީ" ނުވަތަ ޑިޖިޓަލް އިގްތިސާދުގެ ތެރެއިން ލިބޭ އާމްދަނީއަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި، މި އަމާޒު ހާސިލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނީ ޒުވާނުންކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.