ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރާނެ ގޮތް އާންމު ކޮށްފި އެވެ.

ޕީއެންސީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު އިންތިހާބު ކުރާނީ ކޮމިޓީ ތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާތާ 72 ގަޑިއިރު ތެރޭ ބާއްވާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކަމަށެވެ.

އެގޮތުން ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރާނީ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވާ (ބައްދަލުވުން އޮންނަ ތަނަށް ހާޒިރުވެ އަދި އޮންލައިންކޮސް ބައިވެރިވާ) މެމްބަރުންގެ މެދުގައި ނަގާ ހާމަ ވޯޓަކުން ކަމަށް ޕީއެންސީން ބުނެ އެވެ.

އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ މަގާމުތަކަށް ބަލާލާއިރު، ކޮމިޓީގެ ރައީސް، ކޮމިޓީގެ ނައިބު ރައީސް، ކޮމިޓީގެ ސެކްރެޓެރީ އަދި ކޮމިޓީގެ ހަޒާންދާރު ހިމެނެ އެވެ.

ޕީއެންސީން ބުނީ، ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާނީ އެ ކޮމިޓީއެއްގެ ދާއިރާ ރައީސް ނުވަތަ ނައިބު ރައީސްގެ ބެލުމުގެ ދަށުން، އެއިން ބޭފުޅެއްގެ ހާޒިރުގައި ކަމަށެވެ. އަދި އޮންލައިންކޮށް ބައިވެރިވުމުން ވެސް އެއީ، ހާޒިރުވުން ކަމުގައި ބެލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ކޮމިޓީގެ ފުރތަމަ ބައްދަލުވުން ބާއްވާނެ ތާރީހާއި ގަޑި އަދި ތަން ކަނޑައަޅާނީ ދާއިރާގެ ރައީސްކަމަށާއި، ކޮމިޓީގެ ބައްދަލުވުމަށް މަގުބޫލު ސަބަބަކާ ހުރެ ހާޒިރު ނުވެވޭނަމަ އެ މެމްބަރަކަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުސަތު ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހަމަމިއާއެކު ދާއިރާގެ ރައީސް އަދި ނައިބު ރައީސް އަކީ ކޮމިޓީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މެމްބަރުން ނޫން ކަން ފާހަގަކޮށް އިއުލާނުގައި ވަނީ މަގާމުތަކަށް ކުރިމަތިލުމުގެ ހައްގުވެސް އެމީހުންނަށް ލިބިގެން ނުވާކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާ ތަކުގައި ބައިވެރިވެވޭނެ ކަމަށާއި، ދާއިރާ ރައީސް އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވާ ނަމަ، ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ އޭނަ ކަމަށް ބުނެފައިވެ އެވެ.

އިއުލާނުގައި ވަނީ ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުންގެ ހަރަކާތުގެ ރައީސް އަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ ނަމަވެސް މަގާމުތަކަށް ކުރިމަތި ނުލެވޭނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެ ޕާޓީ އަށް ނިސްބަތްވާ ރަށު ކައުންސިލްތަލުގެ ރައީސުންނާއި، ސިޓީ އަދި ރަށު ކައުންސިލްތަކުގެ މެމްބަރުންނާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ލުރާ ކޮމިޓީގެ މެމްބަރުންނަށްވެސް ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވެ ވޯޓު ދެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ސްޓިއަރިން ކޮމިޓީގެ މަގާމުތަކަށްވެސް ކުރިމަތިލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހަމަމިއާއެކު، ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގައި ކޮމިޓީއަށް އިންތިހާބުވި ފަރާތްތަކާއި، އިންތިހާބަކާ ނުލާ ކޮމިޓީއަށް ހޮވިފަ ތިބި މެމްބަރުންނަށްވެސް ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމާއި، ވޯޓު ދިނުމުގެ ހައްގު ލިބިގެންވަ ކަމަށް ބުނެފައިވެ އެވެ.

އިއުލާނުގައި ބުނީ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ފަހު، ކޮމިޓީގެ މަގާމުތަކަށް އިންތިހާބުވި ފަރާތްތަކާއި، އެ ފަރާތްތަކަށް ލިބުނު ވޯޓުގެ ތަފްސީލު އަދި ހާޒިރީ، (ބައްދަލުވުމަށް ހާޒިރު ނުވާ މެމްބަރުން ވެސް އެނގޭނެ ގޮތަށް) ނޯޓުކޮށް ހާޒިރުވި މެމްބަރުންގރ ސޮޔާއެކު، ޕޯޓަލް މެދުވެރިކޮށް ޕާޓީގެ އޮފީހަކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.