މާލެ އާއި ވިލިމާލެއެކޭ އެއްގޮތަށް ހުޅުމާލޭގައި ވެސް ކޮމިއުނިޓީ އެންގޭޖްމަންޓްގެ ހިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެގޮތަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުން ކަމަށެވެ.

މި މައްސަލަ ޖަލްސާއަށް އެޖެންޑާ ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު އެވެ.

ގާލިބު ވަނީ ހުޅުމާލޭގެ ސާފުތާހިރުކަމާއި އިޖުތިމާއީ ރައްކާތެރިކަން ގެއްލެމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަން ފާހަގަކުރައްވާ، ކައުންސިލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާގެ ތެރެއިން، މަގުފާރަވެރިން މެދުވެރިކޮށް ހުޅުމާލޭގެ ރަށުތެރެ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ މުހިންމު ހައްލެއް ކަމަށް ވިދާޅުވެފަ އެވެ.

ހުޅުމާލެ އަކީ ހަލުވި ދުވެލީގައި މީހުން އާބާދުވާ ރަށެއް. މި ކަމަކީ ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ހިޔާލާ މަޝްވަރާ."

ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު

ގާލިބު ވަނީ ހުޅުމާލޭގައި މުނިސިޕަލް ހިދުމަތް ދިނުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަން ފާހަގަކުރައްވާފަ އެވެ.

ހަމަމިއާއެކު، މި ހުށަހެޅުމަށް ތާއީދު ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާ ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި އެޗްޑީސީން އިހުމާލުވެފައިވާ ކަމަށާއި ކަންތައްތައް ދާ ގޮތް ރަނގަޅު ނޫން ކަމަށެވެ.

އެކަމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓެއް އެ ރަށުގައި އޮތުން މުހިންމު ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ބަޖެޓް ތަންދިން ވަރަކުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި،"

މޭޔަރު އާދަމް އާޒިމް

މީގެ އިތުރުން މިއަދުގެ ޖަލްސާގައި މޭޔަރު އާޒިމް ހުށަހެޅުއްވީ ޖުމްލަ 8 މުވައްޒަފަކު ނަގައިގެން، މާލޭގައި ހުންނަ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ދަށުން ހުޅުމާލޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށްވީއިރު އެ ހުށަހެޅުމަށް ހެންވޭރު ހުޅަނގު ކައުންސިލަރު ފާތުމަތު ސަހުލާ ވަނީ ތާއީދު ކުރައްވާފައެވެ.

މި ނިންމުމާއެކު ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ.