އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށްޓަކައި މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި ވަނީ، އެ ހިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށް ނިންމާފަ އެވެ.

މީގެ އިތުރުން، މިއީ މޭޔަރު އާދަމް އާޒިމްގެ ވައުދަކަށް ވާތީ، ވީހައިވެސް އަވަހަށް މިކަން ނިންމުމަކީ ކައުންސިލްގެ އަމާޒެއް ކަމަށް މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

މިކަން ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުން ވަރަށް މުހިއްމު، މޭޔާގެ ވެސް އަޅުގަނޑުމެންގެވެސް ވައުދެއް މީ މިކަން ކޮށްދިނުން، އަދި މިކަހަލަ ކަން ކަމަށް ބާރު އަޅާ ބަޔަކަށް އަޅުގަނޑުމެން ވާނެ ޖެހޭނެ"

މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް

ހަމަމިއާއެކު ލަބާންގެ ވާހަކައަށް ތާއީދު ކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވަނީ މިއީ މުހިއްމު ވައުދެއް ކަން ފާހަގަކުރައްވާ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެ ކަމަކަށް މުޅި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ކަމުގައި އުސޫލެއް ހިމަނާފަ ވީހާވެސް އަވަހަށް މިކަން ޒުވާނުންނަށް ލިބޭނެ މަގެއް ލިބިގެންދިއުން އެއީ އެންމެންގެވެސް އެދުން."

ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު

މި މައްސަލައަކީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީ، މިކަން އިތުރަށް ދިރާސާކުރުމަށް ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް މޭޔަރު އާދަމް އާޒިމް ވަނީ ފޮނުއްވާފައެވެ. މީގެ އިތުރުން، ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީ ގުޅިގެން މިކަމުގައި ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި މައްސަލައިގައި ދާއިމީ ގޮތެއް ނިންމުމަށް ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް ތާވަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އަލަށް ކައިވެނިކުރާ މީހުންގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމި ނަމަވެސް ހަމަޖައްސާދެނީ ކޮންތަނެއްކަމެއް ކައުންސިލުން ނުބުނެއެވެ.