ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ މަޝްރޫއުގެ ދަށުން ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީ އިން ބުނީ ސެމްގަމްޓް 4 އަދި 5 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމާއި ޓްރެފިކް ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ޕާކިން ޒޯން ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ސެގްމަންޓް 2 އަދި 3 ގެ ދުވާރު ހެދުމާއި ކޭބަލް އެޅުމަށް ބޭނުންވާ ޓްރެންޗްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ޖޫން މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަގުގައި މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމާއެކު، ނޯތު ހާބަރުން ފެށިގެން އަމީނީ މަގު ނިމޭ ހިސާބަށް މިހާރު ތަރައްގީނުކުރެވި އޮތް ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގެ ބޭރު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.