ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުނިސިޕަލް ހިދުމަތްތައް ދިނުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިހުމާލުވަމުންދާތީ، އެކަމާ މަޝްވަރާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދުނު ފުރުސަތު އެޗްޑީސީން ނުދިން ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މި މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމާއި ކައުންސިލަރުން ވަނީ އެޗްޑީސީއަށް ވަޑައިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި މޭޔަރާއި ކައުންސިލަރުން އެޗްޑީސީއަށް ވަޑައިގަތީ، ހުޅުމާލޭގެ ވިނަރެސް ފްލެޓްތަކާއި އެފްޑީސީގެ ފްލެޓްތަކާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެޗްޑީސީން ފަރުވާކުޑަކުރަމުންދާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެންނެވެ.
މި މައްސަލައަކީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ހުށަހެޅުއްވި މައްސަލައެކެވެ.
މިކަމާ ގުޅޭގޮތުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މުނިސިޕަލް ހިދުމަތްތައް ނުލިބޭ މައްސަލަ ކައުންސިލަށް ހުށަހެޅުމުން، އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރައްވައި އެކަމާ މެދު މަޝްވަރާކުރެއްވުމަށް ވަޑައިގަތުމުން އެ ފުރުސަތު ނުދެއްވި ކަމަށެވެ. އަދި މިއަދު އެ ފުރުސަތު ނުލިބުނު ނަމަވެސް، މި މައްސަލަ ހައްލުވަންދެން އެޗްޑީސީއަށް ވަޑައިގަންނަވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވި ކައުންސިލަރު ޒަހިއްޔާ ވެސް ވަނީ، އެޗްޑީސީން މި މައްސަލަ ހައްލުކޮށްނުދޭނަމަ އަދިވެސް އެ ކުންފުންޏަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން އެޗްޑީސީއަށް ވަޑައިގަންނަވާނީ މި ދަތިތައް ތަހައްމަލްކުރަމުންދާ ރައްޔިތުންނާ އެކުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރި އިރު، މާލެ ސިޓީ ކައުންސިލުން މިކަމުގައި އެޗްޑީސީގެ އެއްބާރުލުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.