މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުަށް ބޭނުންކުރާތީ ސ.މަރަދޫފޭދޫން ބަންދުކުރި ގެއަކަށް ދެ މީހަކު ވަދެ ތިއްބާ ފުލުހުން އެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ސ. މަރަދޫފޭދޫ / އުއްމީދު 90 ދުވަހަށް ބަންދުކުރުމަށް ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް އެ ގެއަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ) އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި ޖުލައި މަހުގެ 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ 2026 ޖޫން 15 ވަނަ ދުވަހުއެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށާއި އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.