މެޕްސް ކޮލެޖުން މާސްޓާރސް ޑިގްރީގެ އާ 2 ކޯހެއް ފަށަން އުޅޭކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ.

މެޕްސް ކޮލެޖުން މިކަން އިޢުލާން ކުރީ އެ ކޮލެޖްގެ ނެލްސަން މަންޑޭލާ ސެމިނާރ ހޯލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އަލަށް ފަށާ 2 ކޯހަކީ މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ރާއްޖޭގައި މުޅިން އަލަށް ކިޔަވައިދޭން ފަށާ މާސްޓަރ އޮފް ޕަބްލިކް ޕޮލިސީއެވެ.

މެޕްސް ކޮލެޖްގެ ޑެޕިއުޓީ ރެކްޓަރ، ފާތިމަތު ރަޝީދު ވިދާޅުވި ގޮތުގައި މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ކޯސް ތައާރަފް ކުރުމަށް މެޕްސް ކޮލެޖުން ޝައުގުވެރިވީ ރާއްޖޭގައި އަދި މިހާތަނަށް އެ ކޯސް ހިންގާފައި ނުވާތީއާއި، ޤައުމެއްގެ ތަރައްޤީއާއި ދައުލަތުގެ ހިދުމަތްތައް ރަނގަޅުކުރުމާއި، މުޖުތަމަޢުގެ މައްސަލަތަކަށް ފަހުމުވެރި، ހެޔޮ ނިންމުންތައް ނިންމުމަށް، ޕަބްލިކް ޕޮލިސީ އަދި އެޑްމިނިސްޓްރޭޝަން ދާއިރާގެ އިލްމު ވަރަށް މުހިންމު ވާނެތީ ކަމަށެވެ.

ފާތިމަތު ރަޝީދު ވިދާޅުވި ގޮތުގައި، ދައުލަތުގެ އިސްވެރިންނާއި، މިނިސްޓްރީތަކުގެ އިސް އޮފިޝަލުން، ސިޔާސީ ބޭފުޅުން، ޕާލިމެންޓް މެމްބަރުން، އަދި ޤައުމުގެ ސިޔާސަތާއި ތަރައްޤީއަށް ޒިންމާ އުފުލާ ފަރާތްތަކަށް މި ކޯހަކީ ވަރަށް އެކަށީގެންވާ ފައިދާހުރި ކޯހަކަށް ވާނެއެވެ.

މެޕްސް ކޮލެޖުން ބުނީ މި ޕްރޮގްރާމްގެ މަޤްޞަދަކީ ދައުލަތުގެ ސިޔާސަތުތައް އެކުލަވާލުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމާއި ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލިއްޔަތު އިތުރުކުރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޕްސް ކޮލެޖްގެ ވައިސް ރެކްޓަރ، އެޑްމިނިސްޓްރޭޓިވް އެފެއާރޒް، އައިމިނަތު އަބްދުލް ވާހިދު ވިދާޅުވީ، މި ކޯސް އޮންލައިންކޮށް ހިންގުމުގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅުއްވި ކަމުގައި ވިއަސް ރަށްރަށުގެ ކައުންސިލްްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް ބައިވެރިވުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. މެޕްސް ކޮލެޖުގެ މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ އަދި މާސްޓަރ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ޕްރޮގްރާމަކީ، ޤައުމުގެ މުސްތަޤްބަލުގެ ލީޑަރުން އިލްމުން ބާރުވެރިކޮށް، ހެކިތަކަށް ބިނާވެގެން ނިންމުން ނިންމޭ، ޒިންމާދާރު ގައުމީ ލީޑަރުން ބިނާކުރުމުގެ މުހިންމު ފިޔަވަޅެއްކަން އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

މެޕްސް ކޮލެޖްގެ ވައިސް ރެކްޓަރ، އެކެޑެމިކް އެފެއާރޒް، މެތިއު ސްޓްރީޓް ވިދާޅުވީ މި ކޯސްތައް ފަރުމާ ކުރެއްވިއިރު އެންމެ ބޮޑަށް ވިސްނާފައި ވަނީ ވަޒީފާގެ މައިދާނުގައި ޢަމަލީގޮތުން ސީދާ އެޕްލައިކުރެވޭނެ ގޮތަށް މާއްދާތައް ތައްޔާރު ކުރުމަށް ކަމަށެވެ.

އަދި މި ކޯހުގައި ކިޔަވައި ދެވޭ މާއްދާތަކުގެ ތެރޭގައި ޕަބްލިކް ސެކްޓަރ މެނޭޖްމެންޓް އެންޑް ސާރވިސް ޑެލިވަރީ، ޕަބްލިކް ގަވަރނެންސް، އެކައުންޓަބިލިޓީ އެންޑް އެތިކްސް، ޕަބްލިކް ބަޖެޓިންގ، ފައިނޭންސް އެންޑްފިސްކަލް ޕޮލިސީ، ޕަބްލިކް އިކޮނޮމިކްސް، މާރކެޓް ފެއިލިއަރ އެންޑް ގަވަރމެންޓް އިންޓަރވެންޝަން، ޕަބްލިކް ޕޮލިސީ އެނޭލިސިސް އެންޑް އިވޭލުއޭޝަން، އަދި ޕަބްލިކް ޕޮލިސީ ޑިޒައިން، އިންސްޓްރޫމެންޓްސް އެންޑް ރެގިއުލޭޝަން ހިމެނޭކަން މެތިއު ސްޓްރީޓް ފާހަގަ ކުރެއްވިއެވެ.

ސެޕްޓެމްބަރ 2026 ގައި ފެށުމަށް ހަމަޖެހިފައިވާ މި 2 ކޯހުގެ މުއްދަތަކީ 12 މަސް ދުވަހެވެ. މުޅިން އޮންލައިންކޮށް ކުރިއަށްގެންދާ މި ކޯސްތަކުގެ ކޯސް ފީ އަކީ 49500 ރުފިޔާއެވެ. ކޯހުގެ ބައިވެރިންނަށް ފަސޭހަކޮށް ދިނުމަށްޓަކައި ކޯސް ފީ 15 މަސް ދުވަހަށް ބަހާލައިގެން، މަހަކު 3300 ރުފިޔާ ދެއްކޭނެ ގޮތަށް ހަމަޖެހިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޕްސް ކޮލެޖުގެ ރެޖިސްޓްރާ، އައިމިނަތު ނަޖްވާ ވިދާޅުވި ގޮތުގައި، އެހެނިހެން 5 މާސްޓާރސް ކޯހަކަށްވެސް ސެޕްޓެމްބަރ އިންޓޭކުގައި އެޕްލައި ކުރެވޭނެއެވެ.

އޭގެ ތެރޭގައި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ)، މާސްޓަރ އޮފް ހިއުމަން ރިސޯސް މެނޭޖްމެންޓް، މާސްޓަރ އޮފް ޕޮރޮޖެކްޓް މެނޭޖްމެންޓް، އެމް.ބީ.އޭ (އޭވިއޭޝަން މެނޭޖްމަންޓް) އަދި އެމް.ބީ.އޭ (ހެލްތްކެއަރ މެނޭޖްމަންޓް) ހިމެނެއެވެ.

މެޕްސް ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކުގެ ކޯސްތަކަށް މިހާރުވެސް އެޕްލައި ކުރެވޭނެ ކަމަށާއި، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 6 ސެޕްޓެމްބަރ 2026 ގެނިޔަލަށް އޮންނާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި ހުރިހާ ކޯހަކަށްވެސް ކޮލެޖްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕްލައިކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދީފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މަތީ ތަޢުލީމު އުނގަންނައިދިނުމުގެ ދާއިރާގައި 27 އަހަރު ވެފައިވާ މެޕްސް ކޮލެޖަކީ ފެންވަރު ރަނގަޅު އެންމެ ޒަމާނީ ވަޞީލަތްތައް ދަރިވަރުންނަށް ފޯރުކޮށްދޭ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ އެއް ކޮލެޖެވެ. މެޕްސް ކޮލެޖްގެ ހުރިހާ ކޯސްތަކަށް އިންސްޓޯލްމަންޓް އަށް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައި ދީފައިވެއެވެ. އަދި ކިޔަވާ ކުދީންނަށް ތަފާތު ރިސޯސްތައް ފަހިކޮށްދިނުމުގެ އިތުރުން، ކިޔަވައިދެއްވުމުގައި މަސައްކަތްކުރައްވާނެ ގިނަ ލެކްޗަރާއިންނަކީ ފަންނީ ތަޖުރިބާ ހުރިބޭފުޅުންނެވެ.