ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ ސްޕެއިނުން ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭނެ ދެވަނަ ފަހަރެެވެ. އެ ގައުމުން އެންމެ ފަހުން މުބާރާތުގެ ފައިނަލްގައި ކުޅުނީ 2010 ވަނަ އަހަރު އެވެ. އެފަހަރު ސްޕެއިން ވަނީ 1-0 އިން ނެދަލެންޑްސް ބަލިކޮށް ތަށި އުފުލާލައިފަ އެވެ.
ޑަލާސް ސްޓޭޑިއަމްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އެ ހާފުގެ 22 ވަނަ މިނެޓުގައި ސްޕެއިނުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. ފްރާންސްގެ ޑިފެންޑަރު ލޫކަސް ޑީން ޕެނަލްޓީ އޭރިއާ ތެރެއިން ސްޕެއިންގެ ލަމީން ޔަމާލަށް ކުރި ފައިލަކަށް ދިން މި ޕެނަލްޓީ ކާމިޔާބުކުރީ މިކޭލް އޮޔާޒަބާލް އެވެ.
ދެވަނަ ހާފު ފަށާއިގެން މާ ގނައިރުތަކެއް ނުވެ ސްޕެއިނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޕެޑްރޯ ޕޯރޯ އެވެ. މިއީ ޑެނީ އޮލްމޯ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށްފަހު ހަމަޖެހިލާފައި ގޯލުގެ ކައިރި ކަނަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ސްޕެއިންގެ ލަމީން ޔަމާލް ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ޖެހުމުގެ ކުރިން އޭނާ އޮފްސައިޑް ވެފައިވާތީ އެ ލަނޑު ބަލައިނުގަތެވެ.
މެޗުގެ ފަހުކޮޅު ފްރާންސުން އެޓޭކްތައް ގިނަކޮށް ލަނޑެއް ޖަހަން ކުރި މަސައްކަތްކާމިޔާބު ނުވެ އެ ޓީމު ވަނީ މުބާރާތުން ކަޓާފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކީ، ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިދިން ޕެޑްރޯ ޕޯރޯ އެވެ.
ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިން ނުކުންނާނީ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލެންޑް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މި ދެ ޓީމު ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ ދަންވަރު 12:00 ގަ އެވެ.