ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ވޮލެޓް ސްވައިޕްގެ އިންޓަރނޭޝަނަލް އެކައުންޓް ފީޗަރ ދައްކާލައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ފީޗަރއާއެކު ދިވެހި ކަސްޓަމަރުންނަށް 'އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު' ހިމެނޭ ބައިނަލްއަގުވާމީ އެކައުންޓެއް ހުޅުވައި، ބޭރު ގައުމުތަކުގެ ބޭންކުތަކުން ފަސޭހަކަމާއެކު ފައިސާ ލިބިގަތުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އެގޮތުން ޑޮލަރު، ޔޫރޯ، އަދި ޕައުންޑުން އިންޓަރނޭޝަނަލް އެކައުންޓް ހުޅުވޭއިރު، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެކި ކަރަންސީތަކުން ފައިސާގެ މުއާމަލާތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ހާމަކުރެއެވެ. އަދި ޓްރާންސްފަރ ފުރިހަމަވުމާއެކު ވަގުތުން ކަސްޓަމަރުގެ ސްވައިޕް އެކައުންޓަށް ފައިސާ ޖަމާވާނެ ކަމަށާއި ސްވައިޕް މެދުވެރިކޮށް ކުރާ ޕަރސަން-ޓު-ޕަރސަން ޓްރާންސްފާތަކަށް އެއްވެސް ފީއެއް ނުނަގާނެކަމަށްވެސް ބީއެމްއެލް ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، އިންޓަރނޭޝަނަލް ޕޭމަންޓްތައް ލިބޭ ގޮތް ހެދިގެން ދިއުމަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ކަމެއް ކަމަށެވެ. އަދި މި ފީޗަރގެ ސަބަބުން ރާއްޖޭގެ ފްރީލާންސަރުންނާއި ވިޔަފާރިވެރިން ވަކިން ޚާއްސަކޮށް ރާއްޖޭން ބޭރާއި އެކި މުއާމަލާތްތައް ހިންގާ ވިޔަފާރިތަކާއި އެހެނިހެން ކަސްޓަމަރުންނަށްވެސް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަަމައެހެންމެ ސްވައިޕް އަކީ ޑިޖިޓަލް މުޢާމަލާތްތަކަށް ބޭނުންކުރެވޭ ފުރިހަމަ އަދި ޝާމިލު ވަސީލަތެއްގެ ގޮތުގައި ހަރުދަނާވެ، މުޅި ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށާއި އީޖާދީ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ހިތްވަރު ލިބިގެންދާނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ ކުރީކޮޅު ތައާރަފްކުރި ފަސޭހަކަމާއެކު ފައިސާ ދެއްކޭ ސްވައިޕް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ އިތުރުވެފައެވެ. ސްވައިޕް ބޭނުން ކުރާ ކަސްޓަމަރުން އިތުރުވެ މިހާރުވެސް 3،300 އަށްވުރެ ގިނަ ވިޔަފާރިން އަންނަނީ ސްވައިޕުން ފައިސާ ބަލައިގަންނަމުންނެވެ.