ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް ފުޅާކޮށްފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު 7 ބްރާންޗުގެ ޚިދުމަތް ފަށާފައިވާ ކަމަށެވެ.

އެ ބޭންކުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބްރާންޗްތައް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ބްރާންޗުތައް ހުރި ރަށްތަކަކީ:

ހއ. ހޯރަފުށި

ށ. ކަނޑިތީމު

ރ. އަލިފުށި

ޅ. ހިންނަވަރު

އދ. މާމިގިލި

ގއ. ގެމަނަފުށި

ލ. މާވަށް

ބީއެމްއެލް އިން ބުނީ މިއަދު އަލަށް ހުޅުވު ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު ހިންގަމުންދާ ކަމަށެވެ. މީގެ ތެރޭގައި މިދިޔަ ދެއަހަރުތެރޭ ހުޅުވި 17 ބްރާންޗް ހިމެނެއެވެ.

މިއީ ބޭންކިންގ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރާ ދެމެހެއްޓެނިވި އިންވެސްޓްމެންޓު ދައްކުވައިދޭ ކަމެއް ކަމުގައި އެ ބޭންކުން ފާހަގަކުރެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަށް ލިބޭ ކުރިއެރުން އިންވެސްޓް ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ހިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. މިގޮތުން ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ ވިއުގައަށް އިންވެސްޓްކޮށް، ކޮންމެ ދިވެއްސަކާ ގާތުން ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، ބީއެމްއެލް އިން ދަނީ ރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ ހިންގަމުންނެވެ. މީގެ ތެރޭގައި 20 އަތޮޅުގައި ހުރި 55 ބްރާންޗާއި، 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް ހިމެނެއެވެ.