މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެރުވޭ ބޭފުޅުންނަކީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކޮށް، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށްޓެވި ފަހުން ވަކި މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރަކުވެސް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަންފުޅުތައް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާ ގުޅިގެން އެ ބޭފުޅުންނަށް މި އިނާމު އަރުވައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވާވައި، މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވިއިރު، 130 ފޯމު ހުށަހަޅައިފައި ވެއެވެ. މި ފޯމުތައް ޤައުމީ އިނާމާބެހޭ ކޮމިޓީން ބަލައި އިންޓަރވިޔު ކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އިނާމު ދޭނީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.