"ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން ދޫކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމުރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ހިޔާވެހި ޕޯޓަލްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމާއި ގުޅުންހުރި ހުރިހާ ކަންކަމަށް އޮންލައިން ޒަރީއާއިން ހުށަހަޅުމަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެކެވެ. މިގޮތުން، ހައުސިންގ ޕްރޮފައިލް ފުރިހަމަކުރުން، ހައުސިންގ ސްކީމްތަކަށް ހުށަހަޅުން، ބޯހިޔާވަހިކަމުގެ ލޯނުތަކަށް ހުށަހަޅުން އަދި ބޯހިޔާވަހިކަމާއި ގުޅުންހުރި ޝަކުވާ ހުށަހެޅުން ހިމެނެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ހިޔާވެހި ޕޯޓަލްއަށް އީފާސް މެދުވެރިކޮށް ލޮގިން ކުރެއްވުމަށްފަހު، ފުރަތަމަ އެ ފަރާތެއްގެ ހައުސިންގ ޕްރޮފައިލް ފުރިހަމަކުރެއްވުމަށެވެ. އަދި ހައުސިންގ ޕްރޮފައިލް ފުރިހަމަވެ ވެރިފައިވުމާއެކު ހައުސިންގ ސްކީމު ނުވަތަ ލޯން ސްކީމުތަކަށް ޝަރަތުހަމަވާ ސްކީމްތައް ފެނިގެންދާނެ ކަމަށާއި، ޝަރުތުހަމަވާ ސްކީމުތަކަށް ފޯމު ހުށަހަޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.