ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް އަމީޒާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 64 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް ވަޑައިގަތުމުންނެވެ.

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.

އޭގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެސިސްޓެންޓް ކޮމިޝަނަ ޖެނެރަލް އެންފޯސްމެންޓްގެ މަޤާމުވެސް އަމީޒާ ވަނީ ފުރައްވާފައެވެ.