ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރާއްޖޭގެ ކޯޓުތަކުގެ އިސް ފަނޑިޔާރުން ވަކިކުރެވޭގޮތް ހަދައި, ޤަވާއިދު އާންމުކޮށްފިއެވެ.

ޖޭއެސްސީން އާންމުކޮށްފައިވާ ގަވައިދުގައިވާގޮތުން "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަން ކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތުގައި އިސް ފަނޑިޔާރުކަމަށް އައްޔަންކުރަންވާނީ އެ ފަރާތެއްގެ ތަޢުލީމާއި ތަޖުރިބާ އާއި އަޚްލާހާއި ގާބިލުކަމުގެ އިތުރުން އެ މަސްއޫލިއްޔަތު އަދާކުރަން އެންމެ އެކަށޭނެ ފަރާތްތޯ ބެލުމަށްފަހު ޖޭއެސްސީގެ މެންބަރުންގެ އަޢުލަބިއްޔަތުންނެވެ.

އަދި މި ޤަވާއިދުގައި އިސްފަނޑިޔާރުގެ މަގާމަށް ހުޅުވާލުމާއި އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއު މަރުހަލާގައި މެންބަރުން އަމަލުކުރަންޖެހޭގޮތުގެ ތަފްސީލުވެސް ވަނީ ހިމަނާފައެވެ.

އެގޮތުން މި ޤަވާއިދުގައި ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް އެ ކޯޓެއްގެ އިސް ފަނޑިޔާރު ދުރުކުރަންޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ހާލަތެއްގައި އެ މަޤާމުން ފަނޑިޔާރު ވަކިކުރުމުގެ ބާރު ކޮމިޝަނަށް ލިބޭނެއެވެ.

އިސް ފަނޑިޔާރުންގެ ގޮތުގައި ހިމެނޭނީ ރާއްޖޭގެ ހައި ކޯޓަށް އައްޔަން ކުރާ އިސް ފަނޑިޔާރުންނާއި ސުޕީރިއާ ކޯޓުތަކުގެ އިސް ޤާޟީންނާއި ޖުޑީޝަލް ދާއިރާތަކަށް އައްޔަން ކުރާ އިސް މެޖިސްޓްރޭޓުންނެވެ.

ޖޭއެސްސީއަކީ ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ޤާބިލުކަމާއި މަސައްކަތުގެ ފެންވަރު ވަޒަންކޮށް ފަނޑިޔާރުންގެ ޝަކުވާތައް ބަލައިި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހަވާލުކޮށްފައިވާ ކޮމިޝަނެވެ.

މީގެ ކުރިން އެ ކޮމިޝަނުން ވަނީ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އަޅާފައެވެ.