"5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫ" ގެ ދަށުން، ދިވެހި ބޭސްވެރިކަމާ ގުޅުންހުރި ގަސްތައް އިންދުމުގެ ޚާއްޞަ ހަރަކާތެއް ހުޅުމާލޭގައި ބާއްވައިފިއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދިޔަ އެ ހަރަކާތް ބާއްވާފައިވަނީ އިއްޔެ ހުޅުމާލޭގެ ހިޔާ ޕާކު ސަރަޙައްދުގައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރުޢޫއަށް އެއްބާރުލުން ދިނުމާއެކު، ރާއްޖޭގެ އާދަކާދައިގެ މަތިން ކުރަމުން އަންނަ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ގަސްގަހާގެހި އާލާކޮށް، އެފަދަ ގަސްތައް ދިރުވައި އާލާކުރުން ކަމަށެވެ.
އެ ހަރަކާތުގައި ދިވެހި ބޭސްވެރިކަމުގައި އާންމުކޮށް ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ގަސްތައް ވަނީ އިންދާފައެވެ.
އަދި އެ ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ފެހިކުރުމަށާއި، ދިވެހިވަންތަ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގެ ބިމުން ލިބޭނެ މަގު ފަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި މަޝްރުޢޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިންމު އިސްނެގުމެކެވެ.
މި ހަރަކާތުގައި އެޗް.ޑީ.ސީގެ އިސްވެރިންނާއި، ދިވެހި ބޭސްވެރިކަމުގެ ޖަމިއްޔާގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.