ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ވަގުތީ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގައި ތިބި ތިން ކުއްޖަކު، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އެގޮތުން އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެ، ރަށުގެ އާންމު ފަރާތަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ހަމަލާއާ ގުޅިގެން ހޯރަފުށީގައި ރޭ މުޒާހަރާވެސް ކޮށްފައި ވެއެވެ.
މި ހަމަލާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މީސް މިޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި، އަނިޔާލިބިފައިވާ މީހާ އެރަށު ގެއެއްގެ ތެރެއިން ނެރެގެން އެމްބިއުލާންސްއަށް އަރުވައިގެން ގެންދާ މަންޒަރު ފެނެއެވެ.