މާލެ ސިޓީގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނެރެފައި ހުރި ގާކުނޑިތަކާއި ކުނިތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، މިއީ މާލޭގެ މަގުތަކަކީ އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މަސައްކަތެކެއް ކަމަށެވެ.
އެ ކައުންސިލުން ވަނީ، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ އެކަން ކައުންސިލަށް އެންގުމަށް އެދިފައެވެ. އެ ގޮތުން، މަގުތަކަށް ކުނި އަޅާ މަންޒަރު ފެންނަ ފޮޓޯ ނުވަތަ ވީޑިއޯ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މާލެ ސިޓީއަކީ، ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ޓަކައި ހުރިހައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މަގުތަކަށް ކުނި ނޭޅުމަށާއި، ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.