ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދާދިފަހުން ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހި ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ހާރިޖީ ވުޒާރާއިން ވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެކަމަށާއި، ގައުމުގެ ސަލާމަތާއި، ރައްކާތެރިކަމާއި އިސްތިގުލާލު ދިފާއުކުރުމަށްޓަކައި ސައުދީ ސަރުކާރުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

މީގެ އިތުރުން ހާރިޖީ ވުޒާރާއިން ވަނީ ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާގެ އިސްކަންދިނުމުގެ މުހިންމުކަންވެސް ފާހަގަކޮށްފައެވެ. އަދި ދިވެހި ރާއްޖެއިން އަބަދުވެސް ގޮވާލަނީ ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް އިހުތިރާމް ކުރުމަށް ކަމަށްވެސް ވުޒާރާއިން ވަނީ ބުނެފައެެވެ.