ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިލުވުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕް (ޕީޖީ)ން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރާ ބައްދަލުކުރުމަށް އެދިއްޖެއެވެ.
އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ކުޑޫ އެމްއެމްއޭގެ ގަވަރުނަރު މުނައްވަރަށް ފޮނުއްވި ސިޓީގައި ވަނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މިދިޔަ އަހަރު އަމަލުކުރަން ފެށި ނަމަވެސް، އެ ގާނޫނު ތަންފީޒު ކުރުމުގައި ދިމާވެފައިވާ ނިޒާމީ މައްސަލަތަކުގެ ސަބަބުން ބޭރު ފައިސާގެ ރަސްމީ ނޫން، ކަޅު ބާޒާރެއް އުފެދިފައިވާ ކަމަށެވެ.
އެހެން ކަމުން ކުޑޫވަނީ އެ މައްސަލައިގެ ސަބަބުން ރައްޔިތުންނަށާއި ދިވެހި އިގުތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި، އެންމެ އަވަސް ފުރުސަތެއްގައި ބައްދަލުވުމެއް ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ސާފުކުރަން ބޭނުންވާ ކަންތައްތަކުގެ ކުޑޫ ވަނީ ފާހަގަކުރެއްވާފައެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުވާލި ޑޮލަރު އިންވެސްޓްމެންޓް ފުރުސަތާއެކު، ރާއްޖޭގެ އެކްސްޗޭންޖް ނިޒާމަށް ކުރާނެ އަސަރާއި ކަޅު ބާޒާރުގެ ރޭޓަށް ކުރިމަތިވެދާނެ ނޭދެވޭ ނަތީޖާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
އަދި ބީއެމްއެލްއާއި އެހެނިހެން ބޭންކުތަކުން ކާޑު ލިމިޓު ދަށްކުރުމާ ގުޅިގެން، ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ މީހުންގެ އިތުރުން އާންމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަން ބޭނުންވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.
ކުޑޫ ވަނީ ކަޅު ބާޒާރުގައި ވެސް ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ބޮޑު އަގުގައި ވެސް ޑޮލަރު ހޯދުމަށް ދަތިވެފައިވާތީ މުދާ އިމްޕޯޓް ކުރުމަށް ކުރިމަތިވާ ހުރަސްތަކާއި އޭގެ ސަބަބުން ތަކެތީގެ އަގު ބޮޑު ވަމުންދާ މައްސަލައާ މެދު މައުލޫމާތު ސާފުކުރަން ބޭނުންކަން ވެސް އެ ސިޓީގައި ފާހަގަކުރެއްވާފައެވެ.
މީގެ އިތުރުން ކުޑޫ ވަނީ، އެމްއެމްއޭގެ ގާނޫނުގެ ދަށުން މަނިޓަރީ ޕޮލިސީ ކަނޑައެޅުމުގެ ފުރިހަމަ އިހުތިޔާރު އެމްއެމްއޭއަށް އޮތް ނަމަވެސް އެފަދަ މުހިންމު ނިންމުންތައް ސަރުކާރުގެ ސިޔާސީ ފަރާތްތަކުން އިއުލާން ކުރައްވަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން މަރުކަޒީ ބޭންކުގެ މިނިވަންކަމާއި އިތުބާރާ މެދު ސުވާލު އުފެދޭ ކަމަށް ސިޓީގައި ބަޔާން ކޮށްފައެވެ.
ކުޑޫ ވިދާޅުވީ، ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށާއި ޖުމްލަ އިގުތިސާދަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތްތައް ދެނެގަތުމަށާއި، އެ މަސައްކަތްތައް ހަލުވި ކުރުމަށް މަޖިލީހުގެ ތެރެއިން އެމްޑީޕީ މެންބަރުންނަށް ދެވޭނެ އެއްބާރުލުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވެފައެވެ.
އެހެން ކަމުން ކުޑޫވަނީ، މި މައްސަލަތަކަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާއި ރާއްޖޭގެ އިގުތިސާދީ ހަމަޖެހުމާ ސީދާ ގުޅުންހުރި ކަންތައްތަކަށް ވާތީ، ގަވަރުނަރު މުނައްވަރާއި، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ޓަކައި ކުރިއަށް އޮތް ހަފުތާގެ ތެރެއިން ވަގުތެއް ހަމަޖައްސަވައި ދެއްވުމަށް އެދި އެ ސިޓީގައި ދެންނަވާފައެވެ.