ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޤާނޫނީ ނިންމުންތަކަށް އެލްޖީއޭއިން ހުރަސްއަޅައި، ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ބާރުތައް ނިގުޅައިގަންނަމުންދާ ދިއުން އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 230ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ކަށަވަރުކޮށްދީފައިވާ ގާނޫނީ ޝަހްސިއްޔަތާއި، އަމިއްލަ އިހްތިސާސްގެ ތެރެއިން ނިންމާ ނިންމުންތަކަށް މަރުކަޒީ ދައުލަތުގެ އިދާރާތަކުން ނުފޫޒު ފޯރުވައި، އެ ނިންމުންތައް ބާތިލުކުރުމަށް މަޖުބޫރުކުރަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން މި ހިނގާ ޖުލައި މަހުގެ 2 ވަނަ ދުވަހު ބޭއްވި ރަސްމީ ޖަލްސާއިން ނިންމާފައިވާ ގާނޫނީ ނިންމުމަކީ، މުޅި ހދ.އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރުގެ އިޚްތިޞާސްގެތެރެއިން ނިންމާފައިވާ ނިންމުމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

އެހެންނަމަވެސް، އެމްޑީޕީން ބުނީ ސަރުކާރުގެ ނުފޫޒުން އެލްޖީއޭ މެދުވެރިކޮށް، އެ ނިންމުން ބަދަލުކުރުމަށާއި، ކައުންސިލްގެ އިޖުރާއަތްތައް ހުއްޓުވުމަށް އަންގައި ފޮނުވާފައިވާ ސިޓީއަކީ ލާމަރުކަޒީ ނިޒާމުގެ ބިންގާ ހަލާކުކޮށްލުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްވެ ހުންނަވާ ހިންގާ ސިޔާސީ ޖަރީމާއެއް ކަމަށެވެ.

އެމްޑީޕީން ބުނީ، އެލްޖީއޭގެ މި ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި، ލާމަރުކަޒީ ގާނޫނުގެ އަންނަނިވި މާއްދާތަކާ ސީދާ ހިލާފު އަދި ކައުންސިލްތަކުގެ މިނިވަންކަމަށް އަރައިގަތުމަށް ކޮށްފައިވާ ހުދުމުހުތާރު އަމަލެއް ކަމުގައި އެ ޕާޓީއިން ދެކޭ ކަމަށެވެ.

އެ ގޮތުން އެމްޑީޕީން ވަނީ މި މައްްސަލާގައި ގާނޫނީ ހެކިތަކާއި ސަރުކާރުގެ އިހުމާލުތައްވާ ކަމަށް ބުނެފައެވެ.

އެހެން ކަމުން އެމްޑީޕީން ބުނީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 38ވަނަމާއްދާ އާއި 39ވަނަމާއްދާ އަށް ރިޢާޔަތްކުރާއިރު، ސިޓީ ކައުންސިލަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ، އަދި ގާނޫނުން އެ ކައުންސިލަކަށް މަތިކޮށްފައިވާ އިހުތިސާސްގެ ތެރޭގައި މިނިވަންކަމާއެކު ނިންމުންތައް ނިންމުމުގެ ބާރު ލިބިދީފައިވާ މުސްތަގިއްލު ގާނޫނީ ޝަހްސެއް ކަމަށެވެ. އަދި ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކުރި ނިންމުމެއް، ސަރުކާރުން އެލްޖީއޭ ގެ މައްޗަށް ނުފޫޒު ފޯރުވައި، ސަރުކާރުން ބޭނުންވާ ގޮތަކަށް ކައުންސިލްތަކުގެ ނިންމުންތައް ބަދަލުކުރަން އެންގުމަކީ ގާނޫނުގެ ބާރު ކަނޑުވާލުން ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

ކައުންސިލްތަކުން ނިންމާ ނިންމުންތަކަކީ ރަށުގެ ނުވަތަ ސިޓީގެ ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށްފައިވާ މަންދޫބުން، ރައްޔިތުންގެ ލާބައަށްޓަކައި ނިންމާ ނިންމުންތަކެއް ކަން ފާހަގަކޮށް އެމްޑީޕީން ބުނީ، ސަރުކާރުގެ ނުފޫޒުން ފޮނުވާ ސިޓީތަކުން އެ ނިންމުންތައް ގަދަކަމުން ބާތިލުކުރުވަން އުޅުމަކީ، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ނިންމުމަށާއި، ޖުމްލަކޮށް މުޅި ހދ. އަތޮޅު ރައްޔިތުންގެ ގޮވާލުންތަކަށާއި ޝުއޫރުތަކަށް ސަރުކާރުން ބެލުމެއް ނެތްކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެއް ކަމަށެވެ.

އެމްޑީޕީން ވަނީ،، ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާތަކާއި، ކައުންސިލްގެ އިދާރީ ހިންގުމުގެ މިނިވަންކަމުގެ ތެރެއަށް ސަރުކާރުން ސީދާ ގޮތެއްގައި ވަދެ، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުން ހުއްޓުވުމަކީ، ދައުލަތުގެ ބާރުތައް އަލުން މަރުކަޒުކުރުމަށް، ސަރުކާރުން ރާވައިގެން ރައީސް ޑރ. މުއިއްޒުގެ ސީދާ އެންގުމުގެ ދަށުން ކުރާ ނާތަހުޒީބު މަސައްކަތެއް ކަމަށް ތުހުމަތުކޮށްފައެވެ.

ގާނޫނުއަސާސީގެ 8 ވަނަ ބާބުގައި ތަސައްވަރުކުރާ ލާމާރުކަޒީ ނިޒާމެއް އެންމެ ފުރިހަމައަށް ހިންގޭނީ މުޅި އަތޮޅުގެ ރަށްތައް އެއްކޮށްލައިގެން، ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގޭ ބާރުގަދަ އަތޮޅު ކައުންސިލެއް އޮވެގެން ކަން އެ ޕާޓީން ގަބޫލު ކުރާ ކަމަށް އެމްޑީޕީން ބުނެއެވެ.

އެގޮތުން ޒަމާނުއްސުރެ ދިވެހި ރާއްޖޭގެ އިދާރީ ހިންގުން ބަހާލާފައި އޮތީ އިދާރީ އަތޮޅު ތަކެއްގެ މައްޗަށް ކަން ފާހަގަކޮށް އެ ޕާޓީން ބުނީ، މިއިން ކޮންމެ އަތޮޅަކީ ވަކި އިދާރީ، އިގްތިސާދީ، އިޖްތިމާއީ އަދި ޘަޤާފީ ޔުނިޓެއްކަމުން އަތޮޅު ކައުންސިލްގެ ދިފާއުގައި ކުޅުދުއްފުއްށީ ސިޓީ ކައުންސިލްގެ އިސްނެގުމަށް އެ ޕާޓީއިން މަރުހަބާ ކިޔާ ކަމަށެވެ.

މީގެ އިތުރުން ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އަތޮޅު ކައުންސިލްތައް އަލުން އިޔާދަކޮށް ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހުރަސް އަޅާ ގާނޫނުތަކަށް ގެނަސްފައިވާ އެންމެހާ ބަދަލުތައް އިހު އޮތްގޮތަށް އިޔާދަކުރާނެ ކަމުގެ ޔަގީން ކަން ރާއްޖޭގެ ރައްޔިތުންނަށް އެ ޕާޓީން ވަނީ ދީފައެވެ.