މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

މިދިޔަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ މިނިވަން ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުން އަލުން އަނބުރާ ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.