ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ފުލުހުންނަށް ހުށަހެޅިފައި ވަނީ ސައިބާ ކްރައިމްގެ 512 މައްސަލަ އެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފަ އެވެ. މިއަހަރު 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފަ އެވެ. އޭގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައްވެސް ހިމެނެ އެވެ.

ފުލުހުން ބުނީ ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތައް ވަނީ 86 އިން 464 އަށް އިތުރުވެފަ އެވެ. މިއީ 439 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއީ މުޅި ސައިބާ ކްރައިމްގެ ބާވަތްތަކަށް ބަލާއިރު މިއަހަރު އެންމެ ގިނައިން ރިޕޯޓުކުރެވުނު، އަދި އެންމެ ބޮޑަށް އިތުރުވި ބާވަތް ކަމުގައި ފުލުހުން ފާހަގަކުރެ އެވެ.

މީގެއިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެފައިވާއިރު، މިއީ 626 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް 56 އިން 103 އަށް އިތުރުވެ، 83 އިންސައްތަ ވަނީ އިތުރުވެފަ އެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް ދަށަށް ގޮސްފައިވާކަމަސް ފުލުހުން މައުލޫމާތުދެ އެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް ވަނީ 16 އިން 4 އަށް މަދުވެފަ އެވެ. މިއީ 75 އިންސައްތައިގެ ދަށްވުމެކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ މައްސަލަތައް 37 އިން 26 އަށް ދަށްވެފައިވާއިރު، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ 65 އިން 63 އަށް ދަށަށް ގޮސްފަ އެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ހިންގާ މަކަރާއި ހީލަތުގެ އަމަލުތައް ދުވަހުން ދުވަހަށް އާ އުކުޅުތަކާއެކު ތަރައްގީވަމުން އަންނައިރު، ސައިބާ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަމާއި އެކަމަށް ދޭ ސަމާލުކަން ކަމުގައި ފުލުހުން ފާހަގަކުރެ އެވެ. އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.