ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށެވެ. އަދި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ ގުނަވަން ޓްރާންސްޕްލާންޓުގެ ހިދުމަތަކީ އެންމެންނަށް ވާސިލުވެވޭނެ ރައްކާތެރި ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުންވެސް ބިލު ހުށަހެޅުމުގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.
ހަމައެހެންމެ މި ހިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށް ކަނޑައަޅަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ހެދުމާއެކު ހިދުމަތް ދޭ ފަރާތާއި ހިދުމަތް ލިބޭ ފަރާތުގެ ޒިންމާތަކެއް ކަނޑައެޅުންވެސް މި ބިލުގެ މަގްސަދެއްކަމުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައިވާ ގޮތުން ގުނަވަން ހަދިޔާކުރެވޭނީ އުމުރުން 18 އަހަރުވެފައިވާ، ބުއްދި ސަލާމަތުން ހުރި ދިވެހިންގެ ތެރެއިން އަމިއްލަ އިޚްތިޔާރުގައި އެކަމަށް ރުހޭ މީހުންނަށެވެ.
ނަމަވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ ފަރާތްތަކަށް ގުނަވަން ހަދިޔާ ނުކުރެވޭނެ ކަމަށް އެ ބިލުގައި ކަނޑައަޅާފައިވެއެވެ.
އެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު 9 މެންބަރުންގެ މައްޗަށް އެކުލެވޭ "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އެއް އުފައްދާނެއެވެ. ގުނަވަން ބަދަލުކުރުމުގެ ޚިދުމަތް ދިނުމުގެ ހުއްދަ ދޫކުރުމާއި، މިންގަނޑުތަކަށް ފެތޭތޯ ބެލުމުގެ ޒިންމާ އުފުލާނީ އެ ކައުންސިލުންނެވެ.
މީގެ އިތުރުން، ޓްރާންސްޕްލާންޓް ކުރުމަށް ހުއްދަ ދޭނީ 5 މެންބަރުންގެ "އޮތޮރައިޒޭޝަން ކޮމިޓީ" އަކުންނެވެ. ހަމައެހެންމެ އެ ބިލުގައި ބުނެފައިވާގޮތުގައި ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ވިއްކުމާއި ގަތުމަކީވެސް ކުށެކެވެ. މިގޮތުން މީހެއްގެ ނުރުހުމުގައި ގުނަވަން ނެގުމުގައި އެހީތެރިވާ ފަރާތްތަކާއި ސިއްޙީ ޚިދުމަތްތެރިންނަށް ޖަލު އަދަބާއި ބޮޑެތި ޖޫރިމަނާތައް ކަނޑައަޅާފައި ވެއެވެ.