ދިވެހިރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކޮށް، ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ހިމަނައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު ހުށަހެޅުއްވި މި ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވޯޓާ އެކުއެވެ. މި ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. އެ ބިލުގައި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނިމެނޭޖްކުރުމުގެ އުސޫލުތަކާއި ގުޅުން ހުރި އުސޫލްތައް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. އެގޮތުން 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ވަނީ ހިމަނާފައެވެ.
ބިލުގައި ބުނެފައި ވަނީ، މި ބިލަކީ ކުނި މެނޭޖްކުރުމުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ބަޔާންކުރުމަށާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުމަށް ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ކުނި އެތެރެކުރުމަކީ މަަނާކަމެއްކަމަށް ކަނޑައެޅުމާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގުމާއި، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް އިސްލާހުކުރުމަކީ ވެސް ބިލުގެ މަގްސަދެކެވެ.
މި ބިލު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު ވިދާޅުވީ، މި ބިލުގެ ސަބަބުން ކުނި މެނޭޖު ކުރުމުގެ ސިޔާސަތު އެކުލަވާލުމާއި، ރެގިޔުލޭޓް ކުރުމާއި، ތަންފީޒުކުރުމުގެ ޒިންމާތައް ކަމާ ބެހޭ އިދާރާތަކެއްގެ މެދުގައި ސާފުކޮށް ބަހާލެވޭނެ ކަމަށެވެ އަދި ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެތެރެކުރުން ގާނޫނީ ގޮތުން މަނާ ކޮށް ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރެވި، ތަފާތު ބާވަތުގެ ކުނި މެނޭޖް ކުރުމުގެ އުސޫލުތައް މުރާޖާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ބިނާ ކުރެވޭނެ ކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.