ހުޅުމާލޭގައި 100 މެޓްރިކްސް ޓަނުގެ ކަންނެލި ބަންދު ކުރާނެ ފެކްޓަރީއެއް ގާއިމްކުރުމަށް މިދިޔަ ހަފްތާ ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، ހުޅުމާލޭގައި ކަންނެލި ފެކްޓަރީ އަޅަން ފަށާނީ ކޮން އިރަކުންތޯ އާއި، ސަރުކާރުގެ ވައުދާއި އެއްގޮތަށް 80 ރުފިޔާއަށް ކަންނެލި ގަންނަން ފެށޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކަންނެލި މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި، 18 މަސް ދުވަހުގެ ތެރޭގައި އެ ފެކްޓަރީގެ މަސައްކަތް އެއްކޮށް ނިންމަވާނެ ކަމަށެވެ.

މިއީ ކަންނެލި މަސްވެރިންނަށް ހަގީގަތުގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް އެދެމުން އަންނަ ކަންތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަންތަށް. އެކަމާއި ގުޅިފައި އޮބޮތް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ވެސް.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ވަޒީރު ވިދާޅުވީ މިފްކޯއިން ކަންނެލި މަސްވެރިކަމަށް މިދިޔަ އަހަރު ވަދެފައި ވީނަމަވެސް، އެ ކުންފުނިން އަދި ގަންނަނީ 10 ކިލޯ އާއި 15 ކިލޯގެ މަސް ކަމަށެވެ.

މިފްކޯގެ އައިސް ޕްލާންޓް ގާއިމްކުރެވިފައިވާ ރަށްރަށުން ވެސް މި ވަގުތު 10 ކިލޯ އާއި 15 ކިލޯއިން މަތިން މަސް ގަންނަ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.